ކުޅިވަރު

އުރުގުއޭގެ ކެޕްޓަން ޑިއެގޯ ގޮޑިން


ވޯލްޑް ކަޕަށްދާ ޑިފެންޑަރުންގެ ތެރެއިން އެންމެ ވަރުގަދަ އެއް ޑިފެންޑަރަކީ އުރުގުއޭގެ ކެޕްޓަން ޑިއެގޯ ގޮޑިންއެވެ.

އުމުރުން 32 އަހަރުގެ ގޮޑިން އަކީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުގެ ކުޅުންތެރިއެކެވެ. އޭނާ އަކީ ޓީމުގެ ޑިފެންސް ހަމައަކަށް އަޅުވައި މުޅި ޓީމަށް މަގުދައްކައިދޭ ހަރުދަނާ ކުޅުންތެރިއެކެވެ. ޤައުމީ ޓީމަށް 116 މެޗު ކުޅެ 8 ގޯލު ޖަހާދީފައިވާ ގޮޑިން މި ފަހަރުގެ އުރުގުއޭ ޓީމާއެކު ރަޝިޔާއަށް ދާއިރު މުޅި ޓީމުގެ ރޭވުންތެރިކަން ބިނާވެފައި އޮތް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް އޭނާއެވެ. ގޮޑިންގެ ފޯމު ކަޓައިފިނަމަ އެއީ އުރުގުއޭގެ ފޯމު ކެޓުން ފަދަ ކަމެކެވެ. އެހާވެސް މުހިންމު ކުޅުންތެރިއަކަށް އޭނާ ވެގެންދަނީ އިދިކޮޅު ފޯވަޑުން ހުއްޓުވުމުގައި މިހާތަނަށް ދައްކާދީފައިވާ ސާބިތުކަމާހުރެއެވެ.

އޭނާ އަކީ އަހަރަކު 7.5 މިލިއަން ޔޫރޯގެ މުސާރަވެރިއެކެވެ. އުރުގުއޭ ގޮވައިގެން ޣޮޑިން މިފަހަރުގެ ވަރލްޑްކަޕްގައި ނިކުންނަ ފުރަތަމަ މެޗަކީ މިއަދު ހަވީރު މިޞްރާ ވާދަކުރާ މެޗެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 5:00 ގައެވެ.