ކުޅިވަރު

ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް


ސްޕޭނާއި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަކީ ފުޓްބޯޅަ ކުޅެގެން އަހަރަކު 10 މިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދާ ކުޅުންތެރިއެކެވެ.

ޤައުމީ ޓީމަށް މިހާތަނަށް 10 ގޯލު ޖަހާދީފައިވާ ޑިފެންޑަރަކީ ސްޕޭނުގެ ޤައުމީ ޓީމަށް 100 މެޗު ހަމަކުރި ޔޫރަޕުގެ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. މިހާތަނަށް 132 މެޗު ކުޅެދީފައިވާއިރު ޤައުމީ ޓީމަށް ކުޅުމުގެ ރެކޯޑް އޭނާ ހާސިލްކުރީ އުމުރުން އެންމެ 26 އަހަރުގައެވެ. އަދި އޭނާ އަކީ 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕޭނަށް ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ޑިފެންސް ލައިނުގެ ކޮންމެ މަޤާމަކަށް ވެސް ކުޅުމުގެ ޤާބިލްކަން ލިބިފައިވާ ރާމޯސް އަކީ ގޮތްދޫނުކޮށް ކުޅޭ ވަރަށް އަޒުމް ވަރުގަދަ ކުޅުންތެރިއެކެވެ. އެހާމެ ވަރުގަދަ ޓެކްލް ކުރާ ކުޅުންތެރިއެއްވެސްމެއެވެ. ކޯނަރުތަކާއި ހިލޭ ޖެހުންތަކުގައި ބޮލުން ޖަހަން ވެސް ކުޅަދާނެ މީހެކެވެ. އަދި މިފަދަ ފުރުސަތުތަކުގައި އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާލާކަމީ ވެސް އޭނާގެ ނުރައްކާ ބޮޑުވާ ސަބަބެކެވެ. އެންމެ ފަހުގެ ތިން ޔޫރޯގެ ކޮލިފައިންގައި ވެސް ސްޕޭނަށް ލަނޑު ޖަހައިދީފައިވާ މަދު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ. އަދި ބައެއް ފަހަރު އޭނާގެ ވަރުގަދަ ކުޅުމާއިހެދި އިދިކޮޅު ކުޅުންތެރިންނަށް ގިނަގިނައިން ހާނިއްކަވަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. ސްޕޭނުގެ ކީޕަރު އިކާ ކަސިޔާސްއާ ވަރަށް ގާތްގުޅުމެއް އޮންނަ ރާމޯސް އަކީ ވެސް ކަސިޔަސް ފަދައިން ލޯބީގެ ގޮތުން ނޫސްވެރިއަކާ ގުޅިގެން އުޅޭ މީހެކެވެ.

ރެއާލްމެޑްރިޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ފޯވާޑް ރޮނަލްޑޯއަށް އެހީތެރިވެ، ހިތްވަރުދެމުން އައި ރާމޯސް މިރޭ ނިކުންނާނީ ސްޕެއިންގެ ކެޕްޓަން ބޭންޑް އަޅައިގެން ޕޯޗްގަލްގެ ކެޕްޓަން ރޮނަލްޑޯ ހިފެހެއްޓުމަށެވެ.