ކުޅިވަރު

ފީފާ ވަރލްޑްކަޕް: ޕޯޗްގަލް - ސްޕެއިން


މިދިޔަ ހޯމަ ދުވަހާ ހަމައަށް ގިނަ ބައެއްގެ ނަޒަރުގައި ވޯލްޑް ކަޕް ހޯދުން އެންމެ ގާތް އެއް ގައުމަކީ ސްޕޭންއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ޤައުމީ ކޯޗު ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުން ސްޕޭނާމެދު ގިނަބަޔަކު ސުވާލު އުފައްދަންފެށިއެވެ. އެ ސުވާލުތައް އިތުރަށް ސީރިއަސްވީ ޖެހިގެން އައި ދުވަހު ޤައުމީ ކޯޗު ވެސް މަޤާމުން ދުރުކުރުމުންނެވެ.

ސްޕޭން ޓީމަށް މިވަގުތު އިރުޝާދު ދެމުން އަންނަނީ ޓެކްނިކަލް ޑައިރެކްޓަރު ފެނާންޑޯ ހިއޭރޯއެވެ. ސްޕޭނުގެ އެތެރޭގެ ރިޕޯޓްތައް ބުނާގޮތުން ލެޕޮޓެގުއި މަޤާމުން ވަކިކުރުމަކީ ކުޅުންތެރިން ރުހޭ ކަމެއްނޫނެވެ. މިހެންވެ ޓީމު ތެރޭގައި ހިސާބަކަށް އަރައިރުން އުފެދިފައިވާއިރު އާ ކޯޗު ވަނީ ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނާނެކަން ޔަޤީންކޮށްދީފައެވެ. މިހެންވެ ކިތަންމެ ތަރިން ގިނަ ނަމަވެސް ސްޕޭނާމެދު ގިނަ ބަޔަކު މިހާރު ބަލަމުންދަނީ ކަތި ނަޒަރަކުންނެވެ.

މިއާ ހިލާފަށް ޕޯޗުގަލް ޓީމު އޮތީ ވަރަށް ދުޅަހެޔޮކޮށެވެ. ފަހަތާއި މެދުތެރެ ވެސް ތަޖުރިބާއާއި ޒުވާން ޖޯޝުގައި އޮތްއިރު ކުރީގައި ޓީމު ލީޑްކޮށްދޭނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ އަކީ މިދިޔަ އަށް އަހަރު ސްޕޭންގެ ރެއާލް މެޑްރިޑަށް ކުޅުނު ކުޅުންތެރިއެކެވެ. މިހެންވެ މިއީ ރޮނާލްޑޯ އާއި ސްޕޭނުގެ ފަހަތަށް ކުޅޭ ކުޅުންތެރިންގެ ހަނގުރާމައެކެވެ. ރޮނާލްޑޯ ހުއްޓުވަން ކުރިމަތިލާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ރެއާލްގައި އޭނާގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އަނެއް ކުޅުންތެރިއަކީ އޭނާގެ އެންމެ ބޮޑު ވާދަވެރި ޑިފެންޑަރު ބާސެލޯނާގެ ޖެރާޑް ޕީކޭއެވެ. މިދެ ކުޅުންތެރިންނަށް ވުރެ އޭނާގެ އުކުޅުތައް ވަކި ރަނގަޅަށް އެނގޭނެ ބަޔަކު މިދުނިޔޭގައި ނެތްކަމީ ހުދު ރޮނާލްޑޯވެސް ޤަބޫލުކުރާ ކަމެކެވެ.

ޔޫރޯ ކާމިޔާބުކުރި ޓީމާ އަޅާބަލާއިރު ޕޯޗުގަލް ޓީމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ހާއްސަކޮށް އަންދްރޭ ސިލްވާ އަކީ ރޮނާލްޑޯގެ ހިޔަނީގައިހުރެ އަރަފޯދެމުން އަންނަ ނުރައްކާތެރި ފޯވަޑެކެވެ. އަނެއްކޮޅުން ސްޕޭން ޓީމުގައި އަދިވެސް ލީޑް ކުރަމުންދަނީ 2010ގެ ވޯލްޑް ކަޕް ހޯދި ތަރިންނެވެ.

ޕޯޗްގަލް ކޯޗު ފެނާންޑޯ ސަންތޯސް:
" އަހަރެމެން މިތިބީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން. ފިޒިކަލީ އަދި މެންޓަލީވެސް އަހަރެމެން ތައްޔާރު. މުޅި ޓީމް މިއޮތީ އިތުބާރާއެކު. އިދިކޮޅަށް ނިކުންނަ ހުރިހާ ޓީމަކަށްވެސް އަހަރެމެން އިހުތިރާމްކުރަން، ވަކިން ޚާއްޞަކޮށް ސްޕެއިން ކަހަލަ ޓީމްތަކަށް. އެކަމަކު އަހަރެމެންނަށް އިތުބާތު އެބައޮތް މޮޅުވެވޭނެކަމުގެ. ކޮންމެ ޓީމަކާ ކުރިމަތިލާންވެސް އަހަރެމެންގެ ފެންވަރު އެބަހުރި "

ސްޕެއިން ކޯޗު ފެނާންޑޯ ހިއޭރޯ:
" އެންމެންވެސް ޤަބޫލުކުރަންވީ އަހަރެމެން މެޗު ކާމިޔާބުކުރަން %100 ދޭނެކަން. ޕޯޗްގަލް މެޗަކީ އަހަރެމެންނަށް އޮތް ތިން ފައިނަލްގެ ތެރެއިން އެއް ފައިނަލް. އަހަރެމެން މަސައްކަތް ކުރާނަން، އަހަރެމެންނަށް ދެވޭ ހިސާބެއް ބަލަމާ "