ޚަބަރު

ދޫގަސް ތަރައްޤީކޮށް ހިންގުމަށް އެމްޕީއެލްއާ ހަވާލުކޮށްފި


އައްޑޫ ސިޓީ ގަމުގެ ދޫގަސް، ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ހަވާލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދޫގަސްގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ޢަބްދުއް ރައްޒާގު ޙަލީމް ވިދާޅުވީ އެތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާނީ 42 ކޮޓަރި ކަމަށާއި އޭގެ ފަހުން އިތުރު 78 ކޮޓަރިއާއެކު ޖުމްލަ 120 ކޮޓަރި ހުޅުވާނެ ކަމަށެވެ.

ޙަލީމް ވިދާޅުވީ ދޫގަސް ތަރައްޤީ ކުރުމަށްފަހު، އެތަން ހިންގާނީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުރި މީހުންނާއެކުގައި ކަމަށެވެ.

"މިހާރު މިތަން ހުޅުވޭއިރު އެތަނުގެ ތެރޭގައި ވަޒީފާގެ ފުރުޞަތުތައް ތަނުން ބޭރަށްވެސް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެ. ހަމައެއާއެކު ވިޔަފާރީގެ ގޮތުގައި އެތަން އޮޕަރޭޓްކުރަން ފެށުމުން އެސަރަހައްދުގައި ދިރިއުޅުއްވާ ބޭފުޅުންނަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ. މިސާލަށް ސަރުކާރުން ދޫކުރާ އެކިއެކި ލޯނު ސްކީމުތަކުގައި ބައިވެރިވެގެން އެކި ކަހަލަ ވިޔަފާރިކޮށްގެން ސްވެނިއަރ ނޫންނަމަ އަތްތެރި މަސައްކަތް ކޮށްގެންވެސް އާންމުންނަށް ނަފާ ލިބޭނެ މަސައްކަތް ފެށޭނެ." ޙަލީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ދޫގަސްއަށް ބޮޑު ބަދަލެއް ގެންނަން އެމްޕީއެލްއަށް ހަވާލު ކުރުމާއެކު، ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ 200 އެއްހާ ވަޒީފާ އުފެދިގެން ދިއުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެތަން ތަރައްޤީކުރެވޭނީ ސްވިމިންގ ޕޫލަކާއި މޫދަށް އެރޭނެ ހިތްގައިމު ބީޗަކާވެސް އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ރިކުއެސްޓްކޮށްފަ އޮތް ފެސިލިޓީ ގާތްގަނޑަކަށް ސާޅިސް މިލިއަން ރުފިޔާ ވަރު ހޭދަވާނެކަމަށް އަންދާޒާ ކުރެވެނީ. މީ ފިކްސްޑް އަދަދެއް ނޫން. ޑިވޮލޮޕްމެންޓަށް އިތުރަށް ބޭނުން ކަމަށް ވަންޏާ ފައިސާ ބޮރޯ ކޮށްގެން ނިންމާނެ މަސައްކަތަކަށްވީމަ ސާޅިސް މިލިއަނޭ ބުނެފަ ހުއްޓާލެވޭ އަދަދެއް ނޫން މީ." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ދޫގަސް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ބަޔަށް ސާޅިސް މިލިއަން ރުފިޔާގެ ލޯނު ދީފައި ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) އިންނެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަސައްކަތަކީ އައްޑު އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. ނަމަވެސް މި މަސައްކަތް ލަސްވެގެން ދިޔައީ ކުރިން މިތަން ހިންގި، އެމްވީކޭ އިން ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައެއްގެ ސަބަބުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އަސްލު ފުދޭވަރަކަށް ލަސްވެގެންދިޔަ މަސައްކަތެއް މީ. މީ ވަރަށް ބޮޑު ކަމެއް ހައްލުވެގެން ދިޔައީ. ބަންޑާރަ ނައިބު އޮފީހުގެ ލަފާ ހޯދައިގެން ކޯޓުތަކުގައި ހުރި މައްސަލަތަކާއިއެކު ބޭންކް އޮފް ސިލޯނާއެއްކޮށް އެގްރިމެންޓެއް ހަދައިގެން ވަރަށް ގިނަ މަސައްކަތަށްފަހު މިކަން މި ކުރެވެނީ. މީރާގެ ވެސް ލަފާ ހޯދައިގެން މިކަމާ ކުރިމަތިލައިގެން މިދަނީ." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުން ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް އެމްޕީއެލްއާ ހަވާލުކުރައްވާފައިވާ ދޫގަސް މަޝްރޫޢުގެ ކޮންސެޕްޓް ޑިޒައިން ފެބްރުއަރީ މަހު ވަނީ އިފްތިތާޙްކޮށްފައެވެ.