ކުޅިވަރު

ގޯއްދިއްޔާ ފުޓްސަލް ކަޕް 2018 ޗެމްޕިއަންކަން އެފްސީ ބޭރުމަތި ހޯދައިފި


އައްޑޫސިޓީ މަރަދޫގައި ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދިޔަ 'މިޓްސުބުޝީ ގޯދިޔާ ފުޓްސަލް ކަޕް 2018' އިގެ ޗެމްޕިއަން ކަން ޖެހި ޖެހިގެން ދެވަނަ އަހަރު އެފްސީ ބޭރުމަތި ކާމިޔާބުކޮށްފިއެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ މިދިޔަ މޭއި މަހުގެ 27 އިން ފެށިގެން ޖޫން މި މަހުގެ 13 ވަނަ ދުވާހާ ހަމައަށެވެ. މުބާރާތުގެ މެޗުތަށް ކުޅެފައިވަނީ މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމުގައެވެ.
މިއަަހަރުގެ ތަށި، ހިތަދޫއަށް ނިޞްބަތްވާ "އެފްސީ ބޭރު މަތި" އުފުލާލީ، 5 - 4 ގެ ނަތީޖާއަކުން ފޭދޫގެ "ލޮނަ އެފްސީ" އާއި ވާދަ ކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ވެސް 1 - 1 އިން ވަނީ އެއްވަރު ވެފައެވެ. ބޭރުމަތި މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗަަށް ފަހު ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެމުން "އެފްސީ ބޭރުމަތި" ޓީމުން ބުނެފައި ވަނީ މި މުބާރާތުގައި އެޓީމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ، ކުރީއަހަރުގެ ތަށި މިއަހަރުވެސް ދިފާޢު ކުރުމަށް އައި ޕްރެޝާރ ކަމުގައެވެ. މީގެ އިތުރަށް އެޓީމުން ބުނެފައިވަނީ އަންނަ އަހަރު ތަށި މިލްކު ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އެކި ވަނަތަށް ދިޔަ ފަރާތްތަކަށް ތަށްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމު ޙަވާލު ކޮށްފައެވެ. އިނާމުގެ ގޮތުގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް 80000ރ އަދި ރަނަރަޕް ޓީމަށް 30000ރ ލިބުނެވެ.

އެގޮތުން މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ވީއެޗްގެ ޖާޒީ ނަމްބަރު 6 ހުސައިން ޝަރީފެވެ. މުބާރަތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭރުމަތި ޖާޒީ ނަމްބަރު 9، އަލީ ހާފިޒެވެ. މީގެ އިތުރުން ފެއަރ ޕްލެއި ކުޅުންތެރިއާ، އެންމެ މޮޅު ކީޕަރު، އެންމެ އުއްމީދީ ކުޅުންތެރިއާގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިން ވަނީ ހޮވާފައެވެ. މި މުބާރާތުގެ ފެއަރ ޕްލެއި ޓީމަކަށް ހޮވިފައިވަނީ ކްލަބް ވީއެޗްއެވެ.

މަރަދޫގައި ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް މި މުބާރާތް ކުރިއަށް ގެންދާތާ މިއީ 25 ވަނަ އަހަރެވެ. އަދި މިއީ ގޯދިޔާއިން މި މުބާރާތް އިންތިޒާމު ކުރާ 10 ވަނަ އަހަރެވެ.