ކުޅިވަރު

މެސީއަށް އޮތް ޕްރެޝަރ މިފަހަރުވެސް ކުޑައެއްނޫން!


އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ރެކޯޑް އަދަދަކަށް ހޯދާފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. އޭނާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ވެސްމެއެވެ.

ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަކީ ވޯލްޑް ކަޕް ތަށި ހޯދަން މެސީއަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. ބާސެލޯނާގައި އޭނާ ދައްކާ މޮޅު ކުޅުން ޤައުމީ ޓީމުގައި ނުދެއްކޭއިރު އެތައް ފަހަރަކު މާޔޫސްވެ، މެސީ ވަނީ މީގެ ކުރިން ޤައުމީ ޓީމަށް ކުޅުން ހުއްޓާވެސްލައިފައެވެ. އެއީ ކޮޕާ އެމެރިކާގެ ފައިނަލްގައި ތިން ފަހަރަކު ކުޅެ އާޖެންޓީނާއަށް ތަށި ހޯދޭގޮތް ނުވުމުންނެވެ.
މެސީ އަކީ ޔުނެސެފް އެމްބެސެޑަރެކެވެ. ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމާއަތްތަކަށް އެހީތެރިވެދޭ ކުޅުންތެރިއެކެވެ. ލިއޯ މެސީ ފައުންޑޭޝަނުން ކުޑަކުދިންގެ ސިއްހަތާއި ތައުލީމަށް އެހީދެއެވެ.

މެސީ އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާ ވެސްމެއެވެ. އޭނާ ވިއްކާލަން ބާސެލޯނާއިން ހަމަޖައްސާފައިވާ އަގަކީ 835 މިލިއަން ޑޮލަރެވެ. މެސީ އަކީ އާޖެންޓީނާ އާއި ބާސެލޯނާ އަދި ސްޕެނިޝް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ފުޓްބޯޅަ ކުޅެގެން އަހަރަކު 40 މިލިއަންޔޫރޯ ލިބޭއިރު ބްރޭންޑް ވެލިއުގެ ގޮތުން އެންމެ އަގުހުރި ކުޅުންތެރިއަކީ ވެސް އޭނާއެވެ.