ކުޅިވަރު

ޕޯޗްގަލްގެ އުއްމީދުތައް ގުޅިފައިވަނީ ރޮނަލްޑޯއަށް!


ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ކެޕްޓަނެވެ. ޓީމުގެ ހުރިހާ އުއްމީދެއް ބިނާވެފައިވަނީ އޭނާ އަށެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާއިރު ހަ ވަނަ ފަހަރަށް އެވޯޑް ޔަޤީން ކުރެވޭނީ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކައި ޓީމަށް ކާމިޔާބު ހޯދައިދެވިގެންނެވެ.

ޕޯޗުގަލް އެންމެ ފަހުގެ ޔޫރޯ ކާމިޔާބު ކުރީ ވެސް ފެށުން އުނދަގޫ އެކަމަކު ރޮނާލްޑޯގެ ބޮޑު އެހީތެރިކަމަކާއެކުގައެވެ. ފައިނަލް މެޗުގެ ކުރީކޮޅު އަނިޔާވެގެން ބާލަން ޖެހުނަސް ބެންޗުގައި އޭނާ ފެނުނީ ކޯޗެއް ފަދައިން ކުޅުންތެރިންނަށް ކެނޑިނޭޅި ހިތްވަރުދޭ މީހެއްގެ ގޮތުގައި، ޓީމުގެ ކޯޗަށްވުރެ ނުފޫޒުގަދަކޮށެވެ.
ރޮނާލްޑޯ އަކީ ގޯލު ޖެހުމުގެ ރޭޓް ވަރަށް މަތި އަދި ކޮންމެ ފަދަ ގޮތަކަށް ބޯޅަ ލިބުނުކަމުގައިވިނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ. އޭނާ އަކީ ބޮލުންޖެހުމުގައިވެސް މިހާރު ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވާޑެވެ.

ފަހަރުގައި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށްވުން ގާތްއިރު އޭނާއަށް މިހާރު މަދުވާ ހަމައެކަނި ތައްޓަކީ ވެސް ވޯލްޑް ކަޕެވެ. ރޮނާލްޑޯ އަކީ ދަނޑު ބޭރުގައި ހަރަކާތްތައް ގިނަ މީހެކެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކޮށް، ގިނަ އެހީތަކެއް ވެދޭ ކުޅުންތެރިއެކެވެ. މިހާރު ހަތަރު ކުދިންގެ ބައްޕައަކަށް ވެފައިވާއިރު އޭނާއަކީ ވަރަށް އާއިލާ މީހެކެވެ.
ފުޓްބޯޅަ ކުޅެގެން މުސާރައިގެ ގޮތުގައި އަހަރަކު 32 މިލިއަން ޔޫރޯ ލިބޭއިރު ބްރޭންޑް ވެލިއުގެ ގޮތުން އޭނާ އަކީ ދުނިޔޭގެ ތިން ވަނަ ކުޅުންތެރިޔާއެވެ.