ކުޅިވަރު

ފީފާ ވަރލްޑްކަޕަށް ރަޝިޔާ ތައްޔާރު!


ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅައިގެ އީދަށް ރަޝިޔާ ތައްޔާރުވެއްޖެއެވެ.

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތް މިރޭ ރަޝިޔާގައި ފަށަން ތައްޔާރުވެފައިވާއިރު އެއްކޮޅުން ވާދަކުރާނީވެސް ރަޝިޔާއެވެ. ރަޝިޔާ ވާދަކުރަންޖެހޭނީ ސައޫދީއަރަބިޔާއާއެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި މުބާރާތް ފަށާނީ ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އަށެއް ޖަހާއިރުއެވެ. ބައްތިރީސް ޤައުމު ވާދަކުރާ މުބާރާތުގައި 64 މެޗު ކުޅޭނެއެވެ. މުބާރާތް 32 ދުވަހަށް ދިގުދެމިގެންދާނެއެވެ.
21 ވަނަ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭނީ ރަޝިޔާގެ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްއެއްގައެވެ. މުބާރާތަށް ޖަރމަނީ ނިކުންނާނީ 1962 ވަނަ އަހަރުގެ ފަހުން ތަށި ދިފާއުކުރާ ފުރަތަމަ ޤައުމުގެ ޝަރަފް ހޯދުމަށެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ބްރެޒިލް މުބާރާތަށް ނިކުންނާނީ ހަވަނަ ފަހަރަށް ތަށި ހޯދާ ފަރަޤު ބޮޑުކުރާށެވެ.

މުބާރާތުގެ މެޗުތައް އެކެއް ޕޮއިންޓް ފަހެއް މިލިއަން މީހުން ރަޝިޔާގައި ބަލާނެކަމަށް އަންދާޒާކުރާއިރު، ޓީވީއާއި އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ދުނިޔޭގެ ތިން ބިލިއަނަށްވުރެ ގިނަ މީހުން މެޗުތައް ބަލާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. އަށް ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. މުބާރާތަށް ސީޑްކުރި ޤައުމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ޖަރމަނީ، ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލް، ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް، ވަރލްޑްކަޕްގެ ރަނަރަޕް އާޖެންޓީނާ، ބެލްޖިއަމް، ޕޮލެންޑް އަދި 1998 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސެވެ. މީގެއިތުރުން މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ފުލްގައި އޮތް ރަޝިޔާވެސް ވަނީ މުބާރާތް ބާއްވާ ޤައުމުގެ ހައިޞިއްޔަތުން ރޭންކްކޮށްފައެވެ.

ސީޑް ނުކުރާ މަޝްހޫރު ވަރުގަދަ ޤައުމުތަކުގެ ތެރޭގައި އިންގްލެންޑާއި، 2010 ގެ ޗެމްޕިއަން ސްޕެއިން ހިމެނެއެވެ. މުބާރާތުގެ ފައިނަލް މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭނީވެސް ލުޒްނިކީ ސްޓޭޑިއަމްގައެވެ. އެއީ 81،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

ސީޑް ނުކުރާ މަޝްހޫރު ވަރުގަދަ ޤައުމުތަކުގެ ތެރޭގައި އިންގްލެންޑާއި، 2010 ގެ ޗެމްޕިއަން ސްޕެއިން ހިމެނެއެވެ. މުބާރާތުގެ ފައިނަލް މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭނީވެސް ލުޒްނިކީ ސްޓޭޑިއަމްގައެވެ. އެއީ 81،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.
ފީފާ ވަރލްޑްކަޕްގެ ޕީއެސްއެމް ކަވަރޭޖް ފަށާނީ އިރުއޮއްސި 6:30 ގައެވެ.