ކުޅިވަރު

އަހަރެންގެ އެއްވަނަ ކީޕަރަކީ ޓާސްޓެގަން: އޮލިވަ ޚާން


ރަޝިޔާގައި މިއަދު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ޓީމުގެ އެއްވަނަ ކީޕަރުކަން ކުރުން އެންމެ އެކަށީގެންވާ މީހަކީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ކަމަށް ޖަރުމަނުގެ ކުރީގެ ކީޕަރު އޮލިވަޚާން ބުނެފިއެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޚާން މިހެން ބުނީ މުޅިން ފިޓްނުވެ ހުއްޓައި ކީޕަރު މެނުއަލް ނޯޔާ ލައްވައި ކުޅުވަން ކޯޗު ޖޯހިމް ލޯ ނިންމުމުންނެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ނުކުޅެހުރެ ނޯޔާގެ ބަދަލުގައި އެއްވަނަ ކީޕަރުކަން ކުރި ޓާސްޓެގަން ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

"އަހަންނަށް އެނގޭ އޭނާ މާޔޫސްވާނެވަރު. އޭނާ ވަނީ މިސީޒަނުގައި ވަރަށް މޮޅަށް ކުޅެފައި. އަހަރެން ދެކޭ ގޮތުގައި ކުޅުންތެރިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރަންޖެހޭނެ. އަހަރެންގެ ނަޒަރުގައި ވޯލްޑް ކަޕުގައި ކުޅެންވާނީ ޓާސްޓެގަން،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅުނު ކީޕަރު ބުންޏެވެ.

ދެވަނަ ކީޕަރުގެ ގޮތުގައި ހުންނަން ޖެހޭތީ ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް ޓާސްޓެގަން ވެސް ވަނީ ބުނެފައެވެ. ނަމަވެސް ވޯލްޑް ކަޕް ކާމިޔާބު ކުރަން ޓީމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.