ކުޅިވަރު

ވޯލްޑް ކަޕް ހުޅުވާ މެޗަކީ ރަޝިޔާ ކުޅުންތެރިންނަށް ހަޔާތުގެ އެންމެ ބޮޑު މެޗު


އަމިއްލަ ޤައުމުގައި މިއަދު ފަށާ ވޯލްޑް ކަޕް ހުޅުވަން ކުޅޭ މެޗަކީ ރަޝިޔާ ކުޅުންތެރިން އެމީހުންގެ ހަޔާތުގައި ވެސް ކުޅޭ އެންމެ ބޮޑު މެޗު ކަމަށް އެ ޓީމުން ބުނެފިއެވެ.
މިޑްފީލްޑަރު އެލެގްޒެންޑަރ ސަމޭދޯވް ބުނީ މި މެޗު ކާމިޔާބު ކުރުމަކީ ރަޝިޔާގެ ކުދިބޮޑު އެންމެންގެ ހުވަފެނެއް ކަމަށެވެ.

"މުޅި ޤައުމު މިވަނީ ވޯލްޑް ކަޕަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. މި ސްޓޭޑިއަމަކީ ވެސް ވޯލްޑް ކަޕަށް އެޅި ދަނޑެއް. ހަމަޔަޤީނުން ވެސް މި މެޗުގެ ހަނދާންތައް ވަރަށް ގިނަ ދުވަހު ދެމިހުންނާނެ. އަހަރުމެންނަށް އެނގޭ މި މެޗުން މޮޅުވާންޖެހެނީ ކީއްވެގެންކަން. މިއީ އަހަރުމެންގެ ހަޔާތުގެ އެންމެ ބޮޑު މެޗު. މި މެޗުގެ މުހިންމުކަން މި ޤައުމަށް ކިހާ ބޮޑުކަން އަހަރުމެންނަށް ވިސްނޭ. އަހަރުމެން ނުކުންނާނީ މެޗު ކާމިޔާބު ކުރަން،" ސަމޭދޯވް ބުންޏެވެ.

އުމުރުން 33 އަހަރުގެ ސްޕާޓަކް މޮސްކޯގެ ކުޅުންތެރިޔާ ބުނީ ސައުދީ އަރަބިއާ އަކީ ވަރަށް ޓެކްނިކަލް ޓީމެއް ކަމަށެވެ.

"އަހަރުމެން އެމީހުން ވަރަށް ބޮޑަށް ސްޓަޑީ ކޮށްފިން. އެމީހުންނަކީ ވަރަށް ޓެކްނިކަލް ފުޓްބޯޅައެއް ކުޅޭ ބައެއް. އަހަރުމެންނަށް އެނގޭ އެމީހުން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެން މަސައްކަތް ކުރާނެކަން. އެކަމަކު އަހަރުމެންނަށް އެމީހުން ބަލިކުރެވޭނެ. އެކަންކަން އަހަރުމެންވާނީ ދެނެގެންފައި،" އޭނާ ބުންޏެވެ.

މި ދެ ޓީމު މިހާތަނަށް ބައްދަލުކޮށްފައިވަނީ 1993 ވަނަ އަހަރު އެކަންޏެވެ. އެ މެޗު 4-2 ން ކާމިޔާބު ކުރީ ސައޫދީ އަރަބިއާއެވެ.
ރަޝިޔާ އަކީ 1996 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރުވަނަ ޓީމެވެ. މިހާތަނަށް 10 ފަހަރު ވޯލްޑް ކަޕުގައި ކުޅެފައިވާއިރު ރަޝިޔާގެ ދިދައިގެ ދަށުން އެމީހުންނަށް ހޯދުނު އެއްވެސް ކާމިޔާބީއެއްނެތެވެ.