ކުޅިވަރު

ރަޝިޔާގެ އަޑު ކަނޑުވާލެވިދާނެ: ސައޫދީ ކޯޗު


ރަޝިޔާގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅުނަސް ޖެހިލުމެއްނެތް ކަމަށާއި، މުބާރާތް ފަށާ މެޗުގައި މިއަދު އެ ޤައުމު ބަލިކުރަން ތައްޔާރު ކަމަށް ސައޫދީ އަރަބިއާއިން ބުނެފިއެވެ.

މުބާރާތުގައި ކުޅޭ އެންމެ ފެންވަރު ދަށް ދެ ޤައުމު ކުރިމަތިލާއިރު ރަޝިޔާ އަކީ މުބާރާތުގައި ކުޅޭ ޤައުމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ އެންމެ ފުލުގައިވާ ޤައުމެވެ. އެ ޤައުމު 70 ވަނާގައި އޮތީ ސައޫދީ އަށްވުރެ ތިން ދަރަޖަ ފަހަތުންނެވެ.
ކޯޗު ހުއާން އެންޓޯނިއޯ ފިޒީ ބުނީ "ދަނޑުގައި ގިނަވާނީ ރަޝިޔާ މީހުން ނަމަވެސް އެމީހުންގެ އަޑު ކަނޑުވާލެވިދާނެ،" ކަމަށެވެ.

ވޯލްޑް ކަޕުގައި ސައޫދީ އަރަބިއާ އެންމެ ފަހުން މެޗެއް ކާމިޔާބުކުރީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައެވެ. އަދި މިއީ 2006ގެ ފަހުން އެޤައުމު ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

"އަހަރުމެން މެޗު ފަށާނީ ވެސް މެޗު ކުޅެނީ ރަޝިޔާގައިކަން ދެނެގެން. އެކަމަކު މިއީ އަހަރުމެންނަށް މޮޅުވެވޭނެ މެޗެއް. މުބާރާތުގައި ކުރިއަށްދާން މިއަށްވުރެ މުހިންމު މެޗެއްނެތް،" ކޯޗު ބުންޏެވެ.