ޚަބަރު

ވޯޓުލާމީހުންގެ ލިސްޓަށް މިހާތަނަށް ހުށައަޅާފައިވަނީ އެންމެ ޝަކުވާއެއް


ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ޝަކުވާއެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިމަހުގެ ތިންވަނަ ދުވަހު ޢާންމުކުރި ލިސްޓުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ދެލައްކަ ފަސްދޮޅަސް ތިންހާސް އެއްސަތޭކަ އަށްޑިހަ އެއް މީހަކަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މިހާތަނަށް އެކޮމިޝަނަށް ހުށައަޅަފައިވަނީ މަރުވެފައިވާ މީހަކު ލިސްޓުގައި ހިމެނިފައިވާ މައްސަލައެއް އެކަނިކަމަށެވެ.

ރާއްޖެއިން ބޭރުގައި ނިޔާވެފައިވާ މީހުންގެ ޞައްޙަ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާ، ޙިއްސާ ކުރެވިފައި ނުވާތީ ، އެފަދަ ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ މަޢުލޫމާތު ޞައްޙަ ކުރުމަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރުދުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އަކުރަމް ވަނީ ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުންގެ ލިސްޓްގައި ޝަކުވާއެއްވާނަމަ އެކަމެއް ސޯޝަލް މީޑިއާގައި ހާމަކުރުމުގެ ބަދަލުގައި އެކޮމިޝަނަށް ހުށައެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ ބޭނުން ވީހާވެސް ގިނަބަޔަކު ހިފާ، ވީހާވެސް ގިނަ ޝަކުވާ ހުށައެޅުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޢާންމުންގެ އެއްބާރުލުމާއެކު ފުރިހަމަ ލިސްޓެއް އެކުލަވާލެވޭނޭކަމުގެ އުންމީދު އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ ވިހިވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ ތޭވީސް ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި އެކަން ޢިއުލާންކޮށްފައެވެ.