ޚަބަރު

ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމު ނިމުމަކާ ގާތަށް


ފުވައްމުލަކު ސިޓީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފެށިގެން ދިޔުމަކީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދެވެ. 12000 އާ ގާތްކުރާ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ރައްޔިތުން ދެކެމުން އައި މި ހުވަފެނުގައި ކުލަޖެހި، 2016ވަނަ އަހަރު އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި މަސައްކަތް ހުއްޓާނުލައި ކުރިއަށްދާއިރު، މަސައްކަތްތައް މުޅިން ނިންމައި، އަންނަ އޮގަސްޓްމަހު ފުވައްމުލަކުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެއެވެ.

ރާއްޖޭގެ ރަށެއްގައި ކުރިއަށްގެންދާ ފެންނާއި ނަރުދަމާގެ އެންމެ ބޮޑު މަޝްރޫޢު ކުރިއަށްގެންދަނީ ފުވައްމުލަކު ސިޓީގައެވެ. ފެނާއި ނަރުދަމާގެ "މެގަ ޕްރޮޖެކްޓް"ގެ ގޮތުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ސިއެރާއާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢޫގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ މަސައްކަތައް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތެވެ.

މިމަޝްރުޢޫގެދަށުން ފުވައްމުލަކު ސިޓީގެ 2959 ގޭބިސީގައި ފެން މީޓަރު ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ގޭގެއަށް ހޮޅިތައް ގުޅުމުގެ މަސައްކަތްވެސް މިހާރުގެންދަނީ ކުރަމުންނެވެ. ހޮޅި ވަޅުލުމާއި ކޮންކްރީޓްގެ މަސައްކަތްތައް މިމަހުގެ 20ވަނަ ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެންވަރމެންޓް މިނިސްޓްރީން ބުނެއެވެ. އަދި ކަރަންޓުގެ މަސައްކަތްތަކާއި، ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ނިންމައި އޮގަސްޓް މަހުގެ ތެރޭގައިއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެއެވެ. މުޅި މަޝްރުޢުގެ 88 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

ރަށުގެ ރައްޔިތުން ފާހަގަކޮށްފައިވަނީ މި މަޝްރޫޢޫއަކީ އެރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްކަމަށެވެ. މިއީ ރައްޔިތުން ވަރަށް ހިތްހަމަޖެހޭ ކަމެއްގެ ގޮތުގައި އެމީހުން ފާހަގަކުރެއެވެ.

ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެދަށުން 91 ކިލޯމީޓަރުގެ ހޮޅި އެޅުމަށް ހަމަޖެހިފައުވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި މާލެނޫން ރަށެއްގައި އަޅާ އެންމެ ދިގު ނަރުދަމާ ނެޓްވަރކެވެ. އަދި އެންމެ ބޮޑު ސްވަރޭޖް ޓްރީޓްމަންޓް ސިސްޓަމްވެސް ބެހައްޓަނީ މި މަޝްރޫޢުގެދަށުންނެވެ. އެގޮތުން ދުވާލަކަށް 2212 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 500ޓަނުގެ ތިން ފެން ޕްލާންޓާއި، 62 ކިލޯ މީޓަރުގެ ފެންހޮޅި ވަޅުލުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މި މަޝްރޫޢުގެތެރެއިން ފުވައްމުލަކު ސިޓީގައި 110 ކިލޯވޯޓްގެ، އިތުރުން ހަކަތަ އުފައްދާ ނިޒާމެއްވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
ޖުމްލަ 297 މިލިއަން ރުފިޔާގެ މި މަޝްރޫޢުއަށް ކުވައިތް ފަންޑްގެ ލޯނު އެހީގެ ގޮތުގައި 163 މިލިއަންރުފިޔާވަނީ ލިބިފައެވެ. އަދި ބާކީ 134 މިލިއަން ރުފިޔާ ޚަރަދު ކުރަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.