ކުޅިވަރު

ޓިޓޭއާއެކު ބްރެޒިލްގެ އެޓޭކްގެ އަސްލު ގެއްލިއްޖެ: ކާލޮސް


ބްރެޒިލްގެ މިހާރުގެ ކޯޗު ޓިޓޭގެ ރޭވުންތެރިކަމުގައި އެޓޭކްގެ އަސްލު ގެއްލިފައިވާ ކަމަށް ކުރީގެ އެއްވަނަ ވާތު ބެކް ރޮބާޓޯ ކާލޮސް ބުނެފިއެވެ.

ފީފާގެ ހާއްސަ ދައުވަތަކަށް މިވަގުތު ރަޝިޔާގައި ހުރި ކާލޮސް ބުނީ ވަރުގަދަ އެޓޭކަކީ ބްރެޒިލްގެ ފުޓްބޯޅައިގެ އެންމެ މުހިންމު ހަތިޔާރު ކަމަށެވެ.

"އެކަމަކު މިހާރު އެކަމެއް ނެތް. އަހަރެން ދެކޭ ގޮތުގައި އެޓޭކްގެ އެސެންސް ގެއްލިއްޖެ ޓިޓޭއާއެކު. އެކަމަކު ޑީފެންސްކޮށް ބްރެޒިލް ޓީމު ވަކި ސިސްޓަމަކަށް ހޭނިއްޖެ. މިއީ މުޅި ޓީމަށް ބަލާއިރު ކުރިއެރުމެއް. އެކަމަކު އެޓޭކަށް ބަލާއިރު މީގެ ކުރިން ބްރެޒިލްއިން ފެނިފައިވާ ރީތި ފުޓްބޯޅަ ނުފެނުން ކައިރި ކަމެއް މިއީ،" ކާލޮސް ބުންޏެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކާލޮސް ބުނީ ރަޝިޔާގައި މާދަމާ ފަށާ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް އޭނާ އުއްމީދު ކުރަނީ ބްރެޒިލް ކަމަށެވެ.

"އަހަރެން އުއްމީދު ކުރަނީ ބްރެޒިލް ތަށި ހޯދާނެ ކަމަށް. މީގެ ހަތަރު އަހަރު ކުރިއާ އަޅާބަލާއިރު ޓީމު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. ވަރަށް ކުރިއަރައިފި،" ކާލޮސް ބުންޏެވެ.