ކުޅިވަރު

ޝައްކުވާނަމަ ވޯލްޑް ކަޕުގައި އޮފްސައިޑް ދިދަ ނުނަގާނެ: ކޮލީނާ


ކުޑަނަމަވެސް ޝައްކެއްވާނަމަ އެސިސްޓެންޓް ރެފްރީން ވޯލްޑް ކަޕުގައި އޮފްސައިޑް ދިދަ ނުނަގާނެ ކަމަށް އިޓަލީގެ މަޝްހޫރު ރެފްރީ ޕިއަރް ލުއިޖީ ކޮލީނާ ބުނެފިއެވެ.

ފީފާގެ ރެފްރީންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތް ކަމަށްވާ ކޮލީނާ މިހެން ބުނީ މާދަމާ ރަޝިޔާގައި ފަށާ ވޯލްޑް ކަޕުގެ ކުރިން ބޭއްވި ރެފްރީ ޕްރެސްކޮންފަރެންސްގައެވެ.

"ވޯލްޑް ކަޕުގައި ފެނިގެންދާނެ ބައެއް އޮފްސައިޑް ސިޓުއޭޝަންސް ތަކުގައި އެސިސްޓެންޓް ރެފްރީން ދިދަ ނުނަގާތަން. އެގޮތަށް އަމަލުކުރާނީ އެ މީހުންނަށް ގޯހެއް ހެދިދާނެތީވެ. އެސިސްޓެންޓް ރެފްރީންނަށް އޮންނާނީ އަންގާފަ އެފަދަ ޝައްކެއްވާނަމަ ދިދަ ނުނަގަން. އެއީ އޮފްސައިޑް ދިދަ ނަގައިފިއްޔާ އެހިސާބުން ކުޅުން ހުއްޓާލަންޖެހޭތީވެ،" ކޮލީނާ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު ރެފްރީގެ މަޤާމު އެތައް ފަހަރަކު ހޯދާފައިވާ ކޮލީނާ ބުނީ ޝައްކުވާ އޮފަސައިޑް ބޯޅައެއް ހިފައިގެން ގޮސް ގޯލެއް ޖަހައިފިނަމަ އެކަން ނިންމާނީ ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ބޭނުންކުރާ ވީޑިއޯ އެސިސްޓެންޓް ރެފްރީ މެދުވެރިކޮށް ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ މެދުވެރިކޮށް މައިގަނޑު ހަތަރުކަމެއް ބަލާނެ އެވެ. އެއީ އޮފްސައިޑް މައްސަލަތަކާއި ރަތްކާޑާއި ޕެނަލްޓީ އަދި ރީނދޫކާޑުގެ މައްސަލަ އެވެ.

ވީޑިއޯ އެސިސްޓެންޓް ރެފްރީ ރީޕްލޭ ބަލައިގެން މެޗަށް އިންސާފުކުރި ނަމަވެސް މެޗު ބަލަން ތިބޭ މީހުންނަށް ރީޕްލޭ ނުދައްކަން ފީފާއިން ވަނީ ނިންމާފައެވެ.