ޚަބަރު

ޓީވީއެމްގެ ޕްރޮގްރާމް "ބޭރި" ސީޒަން 1 ކާމިޔާބުކުރީ ނައުޝާދު ނަސީރު


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގުޅިގެން ބޭއްވި ބޭރި ސީޒަން 1 ގެ ޓައިޓަލް ނައުޝާދު ނަޞީރު ކާމިޔާބުކޮއްފިއެވެ. ހޯމަ ދުވަހުގެ ރޭ ޓީވީއެމް އިން ދެއްކި ބޭރި ސީޒަންގެ ފައިނަލްގައި 4 ބައިވެރިން ވާދަކޮއްފައިވާއިރު، ފައިނަލްގައި ވާދަކުރި ހުރިހާ ބައިވެރިންނަށްވެސް ޝިލްޑާއި ފައިސާގެ އިނާމުވަނީ ދީފައެވެ.

ރަމަޟާންމަހާއި ގުޅުވައިގެން ޕީއެސްއެމްގެ ޗެނަލްތަކުން ގެންދަނީ ތަފާތު ޕްރޮގްރާމްތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ. ޕީއެސްއެމްގެ ކުޑައިގެ ދަށުގައިވާ އެންމެ ގިނަދުވަސްވީ ޓީވީ ޗެނަލް ޓީވީއެމްއިން މި ރަމަޟާންމަހާއި ގުޅުވައިގެން އެތަށް ޚާއްޞަ ޕްރޮގްރާމްތަކެއް ގެނެސްދީފައިވެއެވެ. އެގޮތުން ޒަމާނުއްސުރެ ބެލުންތެރިންގެ މެދުގައި މަޤުބޫލު ޝޯތަށްކަމަށްވާ ރަހަތަފާތު އަދި މިވަގުތު ފަދަ ޝޯތަށް މިއަހަރުވެސް ގެނެސްދީފައިވާއިރު، މިއަހަރު މިވަނީ ބޭރީގެ ނަމުގައި އައު ޕްރޮގްރާމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ބޭރި ސީޒަން އެކެއްގެ ކޮންސެޕްޓާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ޕްރޮގްރާމްގެ ކޮންސަލްޓެންޓް އަދި ކޮންސެޕްޓް ޑިޒައިންކުރި ޓީއެފްޖީގެ ފައުންޑަރ ހުސެން ޒިނާން ބުނިގޮތުގައި މި ޕްރޮގްރާމްއަކީ މީހާގެ ފިޒިކަލް ސްޓްރެންތް އެކި ގޮތްގޮތުން ޓެސްޓްކުރުމައްޓަކައި ރާވާލެވިފައިވާ ސަރކެޓެއްކަމަށެވެ. އެގޮތުން ސީޒަންގެ ފައިނަލްގައި މި ސަރކެޓް ތިން ބުރު ނިންމަން ޖެހުނުއިރު މި ކަން ކުރުމައް ފިޒިކަލް ސްޓްރެންތާއި އެކު މެންޓަލް ސްޓްރެންތްވެސް ބޭނުންކުރަން ޖެހޭކަން ޒިނާން ފާހަގަކުރިއެވެ.

ބޭރީގެ ކާމިޔާބީއާއި ބެހޭގޮތުން ޕީއެސްއެމް އާއި ވާހަކަދައްކަމުން މި ޕްރޮގްރާމްގެ ޕްރޮޑިއުސަރ މުޙައްމަދު ފަޒީލް ބުނިގޮތުގައި މި ފަދަ ފިޒިކަލް ޗެލެންޖިން މަސައްކަތްތަކަކީ ރާއްޖެއަށް އާކަމެއްކަމަށާއި މިފަހަރު ޕްރޮގްރާމަށް ލިބުނު ތަރުހީބާއި އެކު ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ފުރިހަމަ އަދި ޗެލެންޖިން އޮބްސްޓެކަލް ތަކަކާއި އެކު ބޭރި އެނބުރި އަންނާނެކަމަށެވެ. މިފަހަރުގެ ސީޒަންގައި އެންމެ އަންހެން ބައިވެރިއެއް ފެނިގަން ދިޔަކަން ފާހަގަކޮށް ފަޒީލްވަނީ ކުރިއަށް ހުރި ސީޒަންތަކުގައި އަންހެން ބައިވެރިން ބައިވެރިވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ފައިނަލްގައި ވާދަކުރި ބައިވެރިން ބުނާގޮތުގައި މި ޕްރޮގްރާމްއަކީ މީހާއަށް މެންޓަލީ ބޮޑު ބޫސްޓެއް ލިއްބައިދިން ޕްރޮގްރާމެއް ކަމަށާއި، މި ފަދަ ޕްރޮގްރާމްތަކުގައި މީހުން ގިނައިން ބައިވެރިވުން މުހިންމު ކަމަށެވެ.

ހެންވޭރު ދަނޑުގައި ކުރިއަށް ދިޔަ ބޭރި ސީޒަން 1 ގެ ޓައިޓަލް ނައުޝާދު ނަޞީރު ކާމިޔާބުކޮއްފައި ވާއިރު އޭނާއަށް ޕީއެސްއެމްގެ ފަރާތުން ބޭރިގެ ޝިލްޑްގެ އިތުރުން 50 ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅައިފައިވެއެވެ. މީގެ އިތުރުން 2 ވަނަ އަށް 20 ހާސް ރުފިޔާ، 3 ވަނައަށް 10 ހާސް އަދި 5 ހާސް ރުފިޔާގެ ފައިސާގެ އިނާމު ޕީއެސްގެ ފަރާތުން ހުށަހަޅާފައިވެއެވެ. މި މުބާރާތުގެ 2 ވަނަ އަހުމަދު ޖަމްޝީދު ހޯދާފައިވާއިރު، 3 ވަނަ އަދި 4 ވަނަ ހޯދާފައިވަނީ އިބްރާހިމް މުސްވިރާއި މުޙައްމަދު ސާހިލްއެވެ.