ޚަބަރު

ލަކްސް ސައުތް އަރި އެޓޯލް ރިސޯޓުން ކަނޑުއަޑީގެ ފެސްޓިވަލެއް ބާއްވަނީ


ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްއިން ރާއްޖޭގައި ހިންގާ ލަކްސް ސައުތް އަރި އެޓޯލް ރިސޯޓްގައި ކަނޑުއަޑީގެ ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ސެޕްޓެމްބަރ މަހުގެ 16 އިން 22 ހަށް ބާއްވާ މި ފެސްޓިވަލަކީ އެ ރިސޯޓްގެ ކަނޑުއަޑީގެ ރީތިކަން އިތުރަށް އިޝްތިހާރުކޮށް ފަތުރުވެރިން އިތުރުކުރުމަށްޓަކައި ބާއްވާ ޙަރަކާތެއްކަމަށް އެ ރިސޯޓުން ބުނެއެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި، ރީތި ގޮނޑުދޮށްތަކަކީ މި ކުޑަކުޑަ ޤައުމަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. މި ނިޢުމަތުގެ ފޮނި މީރުކަން ލިބިގަތުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަށް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ނަތީޖާއަކަށްވީ، 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފުވެ މި ދާއިރާ ހީވެސް ނުކުރާފަދަ ބާރުމިނެއްގައި ތަރައްޤީވެ، މިއަދު އެންމެހާ ދިވެހިން އެކަމަކަށް ބަރޯސާވެފައިވާ ކަމަކަށްވެގެން ދިއުމެވެ.

މި ދާއިރާ އިތުރަށް ފުޅާކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ޓުއަރ އޮޕަރޭޓަރުންނާއި ރިސޯޓްތަކުންވެސް ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްއިން ރާއްޖޭގައި ހިންގާ ލަކްސް ސައުތް އަރި އެޓޯލް ރިސޯޓްގައި ކަނޑުއަޑީގެ ފެސްޓިވެލެއް މިއަންނަ ސެޕްޓެމްބަރ މަހު ބާއްވާނެކަން އެ ރިސޯޓުން މިހާރު މިވަނީ އިޢުލާނުކޮށްފައެވެ.
ލަކްސް ސައުތް އަރި އެޓޯލްއާއި ޔޫރޯ ޑްރައިވަރސް އަދި މަޝްހޫރު މެރިން ޕްރޮޖެކްޓްތަށް ކަމަށްވާ އެވެއަރ އަދި ޕެޑީ ޑައިވް ގެ ފައުންޑަރ ޑރ. ޑްރިއު ރިޗަޑްސަން ގުޅިގެން ބޭއްވުމަށް މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 16 އިން 22 ހަށް ކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ.

7 ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ފެސްޓިވަލްގައި ސައުތް އަރި އެޓޯލްގެ ކަނޑުއަޑީގެ ރީތިކަން ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ކަނޑުގެ ދިރުން ޙިމާޔަތްކުރުމުގެ ކޯސްތަކެއްގެ އިތުރުން ތަފާތު އެކްސްކަރޝަންތަށް ހިމެނޭނެކަމަށް މި ފެސްޓިވަލް ހިންގާ ފަރާތްތަކުން މައުލޫމާތުދެއެވެ. މިހުރިހާ ހަރަކާތްތަކެއް ހިނގާވަގުތު ދާއިރާގެ ތަޖުރިބާކާރުން ތިބޭނެކަމަށްވެސް ރިސޯޓުން މައުލޫމާތުދެއެވެ. އެގޮތުން މެރިން ބައޮލޮޖިސްޓުންނާއި، އަންޑަރ ވޯޓަރ ސްކޫބާ ޑައިވަރުންގެ އިތުރުން ޑްރޯން ފޮޓޯގަރާފަރުންވެސް ތިބޭނެކަމަށް މި ފެސްޓިވަލް ހިންގާ ފަރާތްތަކުން ބުނެއެވެ. މީގެއިތުރުން މި ފެސްޓިވަލާއި ދިމާކޮށް ލަކްސް ސައުތް އަރި އެޓޯލްއިން ވަނީ ގެސްޓުންނަށް ޚާއްޞަ ބުކިންގ އޮފަރ އެއްވެސް ހުޅުވާލައިފައެވެ. އެގޮތުން ސެޕްޓެމްބަރ 12 ފެށިގެން 26 ގެ ނިއަލަށް މަދުވެގެން ހަފްތާއެއްގެ ދިގުމިނަށް ކުރާ ބުކިންތަކުން 10 ޕަސެންޓާއި ވިހި ޕަސެންޓްގެ ޑިސްކައުޓް ރޭޓެއް މި ރިސޯޓުންވަނީ ހަމަޖައްސާފައެވެ.