ޚަބަރު

ޓްރަމްޕާއި ޓްރޫދޯގެ ޓްވިޓަރ ބަޙުޘް

ދުނިޔޭގެ ސިނާޢީގޮތުން އެންމެ މުއްސަނދި ހަތް ޤައުމުގެ އިސް ވެރިންގެ ސަމިޓު ހޮނިހިރު ދުވަހު ނިމިގެން ގޮސްފައިވާއިރު މި ސަމިޓް ނިމިގެންދިޔައީ ދުނިޔޭގެ ބާރުތަކުގެ މެދު އިތުރު ޚިޔާލުތަފާތުވުންތައް އުފެދިގެންނެވެ. މި ގޮތުން، ސަމިޓްގައި މަޝްވަރާކުރި ކަންކަމާ ބެހޭގޮތުން ޤައުމުތަކުގެ އިސްވެރިންގެ އިއްތިފާޤުން ނެރުނު ބަޔާނަށް އެމެރިކާއިން ތާޢިދު ނުކުރާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކެނެޑާގައި ބޭއްވި ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ މުއްސަނދި ހަތް ޤައުމުގެ އިސްވެރިންގެ ސަމިޓަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ކުރާ ވިޔަފާރީގެ މުޢާމަލާތްތަކަކީ މިނިވަން އަދި ހުރިހާ ފަރާތަކަށްވެސް އިންސާފުވެރި މުޢާމަލާތްތަކަށް ވާންޖެހޭ ކަމަށެވެ. އަދި މި މުޢާމަލާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް މީގެ ފައިދާ ލިބެން ޖެހޭނެކަމަށް ވެސް ޖީ-ސެވަންގެ ޤައުމުތަކުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ޤައުމުތަކުގެ އިޤްތިޞާދުތަކަށް ބޭރުގެ ފަރާތްތަކުންކުރާ އިންވެސްޓްމަންޓްތައް މަދުކުރުމަށް ޓެކްސް ނަގާ ނެގުން ހުއްޓުވަން ޖެހޭނެކަމަށް ވެސް ޖީ-ސެވަންގެ ޤައުމުތަކުގެ ބަޔާނުގައި ބުނެފައިވެއެވެ. ޖީ-ސެވަންގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ފެށުނުއިރު މި ސަމިޓަކީ ނުތަނަވަސްކަމާ ޚިޔާލު ތަފާތުވުންތައް ގިނަ ސަމިޓެއްކަމަށް ބެލެވުނު އިރު މީގެ ކުޑަދުވަސްކޮޅެއް ކުރިން އެމެރިކާއިން އެ ޤައުމަށް އެތެރެކުރާ ދަގަނޑުގެ ބާވަތްތަކުން ނަގާ ޓެކްސް އިތުރުކުރުމަށް ކުރި އިޢުލާންގެ ސަބަބުން އެމެރިކާއާމެދު ޖީ-ސެވަންގެ އެހެން ޤައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިއާއެކު ސަމިޓު ނިމިގެން ދިޔައީ ކުރިއަށްވުރެ ގިނަ ދެބަސްވުންތަކާއެކުގައެވެ. މި ގޮތުން، ހުރިހާ ލީޑަރުން އިއްތިފާޤުވެވަޑައިގެން ތައްޔާރުކުރި ބަޔާނަށް އެމެރިކާއިން ތާޢީދުނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ކެނެޑާއިން ފުރާވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ރައީސް ވަނީ ސަމިޓު ބޭއްވި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް ހަރުކަށި ފާޑުކިއުން އަމާޒުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ސަމިޓްގެ ތެރޭގައި ކެނެޑާގެ ބޮޑުބަޒީރު ދައްކަވާފައިވާ ވާހަކަތަކާ ތަފާތު ވާހަކަތަކެއް ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ޓްރޫޑޯ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަވާފައިވާކަމަށެވެ.

އަދި މިކަމުން ދޭވަހަނީ ކެނެޑާގެ ބޮޑުވަޒީރުގެ އިޚްލާޞްތެރިކަން ނެތްކަން ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ މިކަމަށްޓަކައި އެމެރިކާއިން ޖީ-ސެވަންގެ ބަޔާނަށް އެއްބާރުލުން ނުދޭނެ ކަމަށާއި އެމެރިކާއިން ވިޔަފާރީގެ އިތުރު ހުރަސްތައް އެޅުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ. ޖީ-ސެވަންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެނެޑާގެ ބޮޑު ވަޒީރު ވިދާޅުވީ، އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ބަދަލުގައި ކެނެޑާއިން އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި ކޮންމެ ކޮންމެ ޤައުމަކުން ބޭނުންވާ ގޮތަށް ކެނެޑާއިން ކަންކަން ނުކުރާނެ ކަމަށްވެސް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.