ދީން

ރޯދަ ވީއްލުން - ބެއިޖިންގެ މިސްކިތަކުން


ރޯދަމަހަކީ މުސްލިމުންނަށް ވަރަށް ޚާއްސަ މައްސަރެކެވެ. ކެއުން ބުއިމުގެ އާދަތަކަށް ބޮޑު ބަދަލެއް މިމަހުގައި އާދެއެވެ. ޢާއިލީ ގުޅުމާއި، އަވަށްޓެރިންގެ މެދުގައި އޮންނަ ގުޅުންވެސް ރޯދަމަހު އިތުރަށް ބަދަހިވެގެންދެއެވެ.

ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތައް މިހާރު ގުނަމުންދާއިރު، ރޯދަ މަހުގެ ފުރިހަމަ ސަވާބު ހޯދުމަށްޓަކައި، އަޅުކަމުގައި މިސްކިތްތަކުގައި ވަގުތު ހޭދަކުރާ މީހުންގެ ޢަދަދު އިތުރުވެގެންދެއެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގެވެސް މިސްކިތްތަކުގައި ރޯދަވީއްލުގެ އިންތިޒާމްތައް ހަމަޖެހިފައި އޮވެއެވެ. އެގޮތުން ޗައިނާގެ މިސްކިތްތަކުންވެސް މި މަންޒަރުތައް ފެނެއެވެ.
ޗައިނާގެ މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ކަންތައްތައް އޮންނަ ގޮތް ބަލާލުމަށް އަޅުގަނޑު އެ ޤައުމުގެ މިސްކިތަކަށް ޒިޔާރަތްކުރީމެވެ. މިސްކިތަށް ވަންނަންހުރި ބޭރު ދޮރާ ހަމައަށް އެރިއިރު، ދުޢާކުރުމުގެ އަޑުތައް އިވެންފެށިއެވެ. އެތެރެއަށް ވަން އިރު، މިސްކިތުގެ ގޯތިތެރޭގައި ގިނަ ޢަދަދެއްގެ ބަޔަކު ޓީވީއަކުން އަޅުވައިފައިހުރި ދުޢާތައް ބަލައިގެން ކިޔަމުން ދިޔައެވެ.
މިއީ ޗައިނާގެ ޝީޗެންގް ޑިސްޓްރިކްގެ "ނަންޝިއާޕޯ" މިސްކިތެވެ. ސާތޭކަ މީހުންގެ ޖާގައިގެ މި މިސްކިތުގައި އަންހެނުންނަށް ޚާއްސަ ބައެއްވެސް ހުރެއެވެ.

މިސްކިތުގެ އަންހެނުންނަށް ޚާއްސަ ބަޔަށް ދިޔައިރު، ގިނަ ޢަދަދެއްގެ އަންހެނުން މިސްކިތަށް ރޯދަ ވީއްލުމަށާއި ނަމާދު ކުރުމަށް އައިސް ތިބިކަން ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި ޒުވާން ޢުމުރު ފުރައިގެ މީހުންނާއި ޢުމުރުން ދުވަސްވީ މީހުން ތިއްބެވެ.
ޗައިނާގައި ރޯދައަށް 16 ގަޑި އިރާ ތިރީހަކަށް މިނެޓުވަންދެން ތިބެން ޖެހެއެވެ. މިއީ ޗައިނާއަށް ހޫނު މޫސުން ކަމުން އާއްމުގޮތެއްގައި ދުވާލުގެ ވަގުތު ހޫނުމިން ހުންނަނީ 33 ޑިގްރީހާއި 40 ޑިގްރީހާ ދެމެދުގައެވެ. އެހެންކަމުން ރޯދަ ވީއްލާއިރުއާއި ހާރު ކެއުމުގައި ސިއްހަތަށް ރަގަޅު ތަކެތި ކެއުމަށް އިސްކަންދޭން ޖެހެއެވެ.

މިސްކިތުގައި ރޯދަވީއްލުމަށް ހުރިތަކެއްޗަށް ބަލާލާއިރު، އެކިވައްތަރުގެ މޭވާ އާއި އެކި ވައްތަރުގެ ކޭކު ފަދަ ތަކެތި ފެންނަން ހުއްޓެވެ.
ރޯދަ ވީއްލާ ވަގުތު ޖެހުމުން ރޯދަ ވީއްލުމަށް އެންމެން އަވަސްވެގަތެވެ. އަދި އެއަށްފަހު މަޢުރިބް ނަމާދު ކުރުމަށް ނަމާދުކުރާ ހޯލަށް އެންމެން ޖަމާވިއެވެ.

މަޣުރިބު ނަމާދަށްފަހު މިސްކިތުގެ ގޯތިތެރޭގައި ހުރި "ޑިނަރ ހޯލް"ގައި ރޭގަނޑުގެ ފަރިއްކޮޅަކަށް ފެތޭނެ ފަދަ ކެއުމެއްގައި އެންމެން ބައިވެރިވިއެވެ. ކުކުޅު ރިހައާއި ބަނަސް ފަދަ ތަކެތި ކެއުމަށް ހުއްޓެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.