ރިޕޯޓް

ތިޔަ މަލާމާތުން ހާމަވީ ތިޔަ ބޭފުޅުންގެ ހަޤީގަތެވެ.


އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން ރާއްޖެއިން ކުރި މަސައްކަތަކީ ސިޔާސީ މަސައްކަތެއްނޫނެވެ. އެއީ ޤައުމީ މަސައްކަތެކެވެ. އެގޮނޑި ކާމިޔާބު ވީނަމަ އެކަމުގެސަބަބުން ފައިދާއާއި ލާބަ ލިބޭނީ މިވަގުތު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަކަށް ނޫނެނެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔަބު ވީނަމަ އެމަޖިލީހުގައި ރާއްޖެއިން ފުރިހަމަކުރާ ދައުރު ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުން އަލަށް ހޮވޭ ރައީސުލްޖުމްހޫރިއްޔާއާއި އެބޭފުޅެއްގެ ސަރުކާރަށެވެ. ސަބަބަކީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެ ހޮވުނުނަމަ ދައުރަކީ 2019 އިން 2020 ގެ ނިޔަލަށް ކަމަށްވާތީއެވެ.
އެހެންނަމަވެސް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ނުވާނެކަމަށް ޤަބޫލުކޮށް، އެމަނިކުފާނުގެވެރިކަން ނިމި ދެންއޮތީ އިދިކޮޅު ފަރާތްތަކުގެ ޒަޢާމަތު ފެށުންކަމަށް އަބަދާއަބަދު އަޑުއުފުލަމުންދާ އިދިކޮޅު ސިޔާސީ ފަރާތްތަކުން އދ.ގެ ވޯޓަށްފަހު އުޅެގަތް ގޮތުން ދޭހަވީ ކޮންކަމެއްތޯއެވެ؟

ދުނިޔޭގެ އެންމެ ވަރުދަގަ ޖަމާޢަތުގެ އެންމެބޮޑު މަޖިލީހުގައި ބިޔަ ޤައުމުތަކާ އެއްސަފެއްގައި މިކުޑަކުޑަ ޤައުމު ހިމެނެން އެބޭފުޅުން ބޭނުންފުޅުނުވާކަން ތޯއެވެ؟ ނުވަތަ އެފަދަ ފަޚުރުވެރި މަޤާމެއްގައި ރާއްޖެ ތަމްސީލުކުރަން އެބޭފުޅުން ބޭނުންފުޅު ނުވާކަން ތޯއެވެ؟ އެހެންނޫނީ އަމިއްލަ ޤައުމަށް އެއްވެސް މިންވަރެއްގެ ލޯތްބެއް ކުލުނެއްނެތް، ޣައްދާރު ޚިޔާނާތްތެރިންގެ ތެރޭގައި އެބޭފުޅުން ހިމެނުން ތޯއެވެ؟ މިއިން އެއްވެސް ސުވާލަކަށް އާއެކޭ ނޫން ޖަވާބެއް އަޅުގަނޑުގެ ހިތަކަށް ނައެވެ.

އދ.ގެ ސަލާމަތީ މަޖިލީހަށް 5 މެންބަރުން ޢައްޔަންކުރުމަށް ނެގި ވޯޓުގައި ދުނިޔޭގެ އެންމެ ބިޔަ އެއްޤައުމާ ވާދަކޮށް އަޅުގަނޑުމެންގެ ލޮބުވެތި ޤައުމަށް ލިބުނީ ނާކާމިޔާބެވެ. އދ.ގެ 72 އަހަރުވީ ދިގު ތާރީޙުގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހަށް އިންތިޙާބު ވެފައިވަނީ، ކުދި އަދި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ 8 ޤައުމުކަން މިދަނޑިވަޅުގައި ހަނދާނަށް ގެންނަންޖެހެއެވެ. ކުދި ޤައުމުތަކަށް އދ.އާއި ދުނިޔޭގެ ބިޔަ ޤައުމުތަކުގެ ސަފުގައި ކުރިމަތިވާ ދައްޗާއި ތުރާ ދިވެހި ރާއްޖެއިން ރަނގަޅަށް ދަނެއެވެ. ކުޑަޤައުމަކަށް ވީމާ ކުޑަކޮށް އިންސާފު ލިބުމާއި، ކުޑަޤައުމަކަށް ވީމާ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ތެރެއިން ވަދެގަންނަން ނުފޫޒުގަދަ ބޭރުގެ ފަރާތްތަކުން ކުރާ މަސައްކަތަކާއި، ޤައުމުތައް "ބްލެކް މެއިލް" ކުރުމާއި "ބުލީ" ކުރުންފަދަ ނާތަހުޒީބު ޢަމަލުތައް ތަޙައްމުކުރާ ކުދި ޤައުމުތައް އެއޮތީ ފެންނާށެވެ. މިއީ މިއަދު ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ އަދި އެކަންކަމުގެ މަޢުލޫމާތު ހޯދާ ކޮންމެ މީހަކަށް ފެންނަން އޮތް ހަޤީގަތެކެވެ.

އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމަށް ބަލާއިރު، އިސްލާމީ ޤައުމެއްގެ ގޮތުގައި އިސްލާމީ އުސޫލުތައް ހިފަހައްޓާތީ ކުރިމަތިވާ ދުއްތުރާތަކުގެ ވާހަކައަކީ އާވާހަކައެއް ނޫނެވެ. އދ.ގައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރޭގައި ފަލަސްޠީނުގެ މައްސަލައާއި އިސްލާމީ އުންމަތާ ގުޅުންހުރި އެހެންވެސް މައްސަލަތަކުގައި އަޅުގަނޑުމެން ގެންގުޅޭ "އިސްލާމީ" ވިސްނުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ކުޑައެއްނޫނެވެ.

މިފަދަ މާޙައުލެއްގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ފާޅުގައި ކެރިގެން ބަސްބުނާ ޤައުމަކަށް ދިވެހިރާއްޖެ މިއަދު މިވަނީވެފައެވެ. މުޅިދުނިޔެ ޖެހިލުންވާ ބައެއް ޤައުމުތަކާ ދެކޮޅަށްވެސް ރާއްޖެއިން ވަނީ އިސްލާމްދީނުގެ ހައްޤުގައި ބަސްބުނެފައެވެ.
މިކަންކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނުރައްކަލާއި، ރާއްޖޭގެ އިސްތިޤުލާލު ނަގާލަން އެތެރެއާއި ބޭރުން ރާވާ ރޭވުންތަކާއި އެކަމުގެ ނުރައްކާ، މިއަދު މިޤައުމަށް އޮތް މިންވަރު 1 ފެބްރުއަރީގެ ޙާދިސާއިން ކޮންމެވެސް ވަރަކަކަށް މޭރުންވާނެއެވެ. އެކަމުގެ ތަފްސީލު ދިވެހިރައްޔިތުންނަށްވެސް ދާނީ ހާމަވަމުންނެވެ.

މިފަދަ ޙާލަތެއްގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން އެސްވެސް ފަސްޖެހުމެއްނެތި ޤައުމާއިގެން ކުރިއަށް ނުކުމެވަޑައިގަތުމަކީ ކުޑަކަމެއްނޫނެވެ. ޕޯޗުގީޒުންގެ ވަރުގަދަ ލަޝްކަރުތަކުގެ ކުރިމައްޗަށް އެއްވެސް ޖެހިލުމެއްނެތި ޢަލީ ރަސްގެފާނު، ކަނޑި ހިއްޕަވައިގެން ނުކުމެވަޑައިގަތީވެސް މިފަދަ ޙާލަތެއްގައެވެ. ޤައުމުގެ ދިފާޢުގައި ކުރައްވަން ޖެހުނު ކޮންމެކަމެއް ކުރެއްވުމާއި، ދައްކަވަންޖެހުނު ކޮންމެ އަގެއް ދެއްކެވުމަކީ ޤައުމީ އަބްޠާލުން ދެއްކެވި މިސާލެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން ރާއްޖެއިން ކުރި ވަރުގަދަ ކެމްޕެއިނުގައި މަސައްކަތްކުރި "ޤައުމީ ޓީމަށް" އައްސަރިބަހާއި ސާބަހެވެ. ނާކާމިޔާބީއާއެކުވެސް ރާއްޖެ ދެއްކީ ނަމޫނާއެވެ. ގޮނޑި ކާމިޔާބު ނުކުރެވުނު ކަމުގައިވިޔަސް، މުހިއްމު މައްސަލަތަކުގައި އަޑުއުފުލައި ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި، ރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ރާއްޖެއާ ވާދަކޮށް، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރި އިންޑޮނޭޝިއާއަށް ރާއްޖެއިން ވަނީ މަރުޙަބާ ކިޔާފައެވެ.

މިޤައުމުގެ ދިގު ތާރީޚަށް ބަލާއިރު، ޤައުމުގެ ޚިޔާނާތްތެރިންނާއި ޣައްދާރުން އެންމެބޮޑަށް ފާޅުވެގެންދިޔަ ދަނޑިވަޅުތަކަކީ ޤައުމަށް ދެރަކަމާއި ނާކާމިޔާބީ ލިބުނު ވަގުތަކެކެވެ. ޕޯޗުގީޒުނާދެކޮޅަށް ޢަލީ ރަސްގެފާނު ކުރެއްވި ހަނގުރާމާގައި ދުގެތިވަލަށް ވަދެ ފިމީހުން މިއަދުވެސް އުޅެއެވެ. ހޮޅިންނާ ބަޢިއަތު ހިފައި އަމިއްލަޤައުމަށް ޣައްދާރުވި "ޝާހީ" ދެބެންގެ ތަމްސީލު މިއަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެނެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނުލިބުމުން، އުފާފާޅުކޮށް އަތްޖަހައި އަމިއްލަޤައުމަށް މަލާމާތްކުރި މީހުންނަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. ޚާއިނުނާއި ޣައްދާރުންނާ ކުރިމަތިލައި ޤައުމު ޙިމާޔަތްކުރުމުގައި އަބަދުވެސް ދިވެހިން ހޯދީ ކާމިޔާބީއެވެ. ތާރީޚުން މިހަޤީގަތް އެނގޭނެއެވެ. ޤައުމަށް ދެރައެއް ނާކާމިޔާބީއެއް ލިބުމުން އަޅުގަނޑުމެން ދިވެހިރައްޔިތުންގެ ލޮލުން ފޫދެނީ ކަރުނައެވެ. ހިތަށްކުރަނީ ހިތްދަތި އަސަރެވެ. ތިޔަމަލާމާތުން ހާމަވީ ތިޔަބޭފުޅުންގެ ހަޤީގަތެވެ. އެކަމުގެ ރައްދު ދިވެހިރައްޔިތުން ދޭނެއެވެ.