ޚަބަރު

"ރެޑީ ކޭމްޕް" އަންނަ ޖުލައި މަހު އައްޑޫސިޓީގައި


ސްކޫލަތަކުގެ ދަރިވަރުންނަށް އަމާޒްކޮށްގެން ފުލުހުން ބާއްވަމުން ގެންދާ "ރެޑީ ކޭމްޕް"ގެ މިއަހަރުގެ ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު އައްޑޫސިޓީގައެވެ.

ސްކޫލަތަކުގެ ދަރިވަރުންނަށް އަމާޒްކޮށްގެން ފުލުހުން ކުރިއަށް ގެންދާ މިއަހަރުގެ މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލުގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕަކީ ދަރިވަރުންގެ އިތުރުން ޓީޗަރުންނާއި ބެލެނިވެރިންވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.

މިކޭމްޕާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު އައްޑޫސިޓީ ކައުންސިލާއި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓާފް ސާޖަންޓް އަޙުމަދު އުސައިދު ވިދާޅުވީ، ރެޑީ ކޭމްޕުގައި ދަސްކޮށްދެވޭ ބައިތައް ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެންކަމަށެވެ. އެއީ އިސްލާމް ދީނާއި، ޤައުމިއްޔަތާއި ދިރިއުޅުމުގަ ރީތި އާދަތަކާ ބެހޭގޮތުންނެވެ. އަދި މިފަދަ ހަރަކާތެއް ބޭއްވުމުގެ މަޤްސަދަކީ، ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިގައި ދިރިއުޅުމުގެ ރީތި އަދަބުތައް ހަރުލެއްވުމާއި، ކިޔެވުމަށް ލޯބިކުރާ، މައިންބަފައިންނާއި މުދައްރިސުންނަށް ކަމޭހިތާ، ޤައުމުގެ ލާބަޔަށް މަސައްކަތްކުރާ ސިފަވަންތަ ދަރިވަރުންތަކެއް އުފެއްދުންކަމަށެވެ.

އަދި މި ކޭމްޕްގެ ތެރެއިން މައިގަޑު ގޮތެއްގައި ކިޔަވައިދޭން ރާވާފައިވާ މައްދާތަކުގެ ތެރޭގައި ދީނީ ބައިތަކާއި، ޓީމް ބިލްޑިންގ އެންޑް ލީޑަރޝިޕް ކޮމިއުނިކޭޝަން، ރިވެތި އަދަބުތައް، ފިޒިކަލް ޓްރެއިނިންގ، ސައިބަރ ކްރައިމް، އާންމު ޢިޖުތިމާއީ ޤާނޫނު، ޓްރެފިކް ޤަވާއިދުތަކާއި އަދި ނަފްސް ތަންޒީމު ކުރުން ހިމެނޭކަމަށްވެސް އެފަރާތުން ބުނެއެވެ.

މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން ކުދިންނާއި ފިރިހެންކުދިން މަސްހުނި ނުވާގޮތަށް ވަކިވެގެންނެވެ. ރެޑީ ކޭމްޕަކީ ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 67 ވަނަ ކޭމްޕެވެ. މީގެ ކުރިންވެސް އައްޑޫގައި ރޭޑީ ކޭމްޕް ވަނީ ބޭއްވިފައެވެ.