ރިޕޯޓް

ރާއްޖެ ސަލާމަތީ މަޖިލީހަށް ކުރިމަތިލުން - ކުޑަޤައުމެއްގެ ހިތްވަރުގަދަ ޢަމަލެއް


ހަތަރުލައްކައެއްހައި މީހުންގެ އާބާދީއެއް އޮންނަ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ މިއަދުގެ ދުނިޔޭގައި ކުރިއަރާފައިވާ އެހެން ޤައުމުތަކާ އެއްގޮތަށް ޑިމޮކްރެސިވް ނިޒާމަކުން ވެރިކަން ކުރަމުން އަންނަ ޤައުމެކެވެ. ރާއްޖޭގައި ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަން ފެށީ 2008ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ.

މި ދެންނެވި އަހަރުގެ މެދު ތެރެއަށް ޖެހިލާނަމެވެ. އެއީ 2008ވަނަ އަހަރުގެ ޖޫން މަހެވެ. މުޅި ޤައުމުގައި އޮތީ ސިޔާސީ ވާދަވެރިކަމެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް ގޮވެލިފަތި ގޮވަމުންދިޔަ ދުވަސްވަރު ދިވެހިރާއްޖެއިން ސަރަޙައްދީ ފުޓުބޯޅަ މުބާރާތެއްގައި ބައިވެރިވިއެވެ. ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެން އެ މަހުގެ 14ވަނަ ދުވަހާއި ހަމައަށް އޮތް މި މުބާރާތުގެ ބައެއް މެޗުތައް ރާއްޖޭގައިވެސް ކުޅޭ ގޮތަށް ހަމަޖެހިގެންދިޔައެވެ.

ދެހާސް އަށްވަނަ އަހަރަކީ ދިމިޤްރާތީ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު އޮންނަ އަހަރު ކަމަށްވާތީ މަގުތަކާއި މަގުފާރުތަކުގައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯއާ ޕޯސްޓަރުތަކާއި ތަފާތު އެކި ކުރެހުންތައް ކުރާހާފައި ހުރިނަމަވެސް މި ދެންނެވި ސަރަޙައްދީ ފުޓުބޯޅަ މުބާރާތަށް މިފަދަ ހުރިހާ އެއްޗެއް ނައްޓާ ފުހެލުމަށްފަހު މުޅި ޤައުމު އެއް އަޑެއްގައި ކިޔަން ފެށީ "މިއީ އަހަރެމެންގެ ފަހަރު" މިހެންނެވެ. މުޅި ޤައުމު އެއްބައިވެ އެކައްޗެއް ކިޔައި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ސަޕޯޓު ކުރުމަށް ގަލޮޅު ދަނޑަށް ޖަމާވެ އެ ދެއްކި ސަޕޯޓަކީ ހަޤީގަތުގައި ޤައުމީ ކޮންމެކަމެއްގައިވެސް މި ޤައުމަށް ބޭނުންވާއެއްޗެކެވެ. އެދުވަހު ދިވެހިންގެ ކިބައިން ފެނުނު ޤައުމިއްޔަތުގެ ރޫޙުގެ ނަތިޖާ ވަރަށްފޮނިކޮށެވެ.

އެ ދުވަހު ދިވެހިން "ސިޔާސީ" މި ބަސް އެއްފަރާތް ކުރުމަށްފަހު އެންމެ ފުރަތަމަ އިސްކުރީ ޤައުމެވެ. ޤައުމު އިސްކުރުމުގެ ނަތީޖާއަކަށްވީ ސަރަޙައްދީ ބޮޑެތި ބިޔަ ބާރުތަކުގެ ގޯލު ފޫ އަޅުވާލައި ދިވެހި ޤައުމީ ޓީމު މި ދެންނެވި މުބާރާތުގެ ރަންތަށި ފަޚުރުވެރިކަމާއެކު ދިވެހިން އުފުލައިލުމެވެ. މިއީ މިއަދުވެސް އަޅުގަނޑުމެން ދިވެހިން ޢިބުރަތް ހާޞިލް ކުރަންވީ ކަމެކެވެ.

މި ރިޕޯޓުގައި ބަލާލަން މިއުޅެނީ އދ.ގެ ސަލާމަތީ މަޖިލީހަށް ވާދަކުރާ ޤައުމުތަކުގެ މެދުގައި ނަގާ ވޯޓާއި އެ ގޮނޑި މި ދިވެހި ޤައުމަށް މުހިންމުވާ ސަބަބުތަކުގެ މައްޗަށެވެ. އާބާދީގައި ފަސް ލައްކަވެސް ހަމަނުވާ މި ކުޑަކުޑަ ދިވެހިރާއްޖެއިން މިވަނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް އެ މަޖިލީހެއްގެ ގޮނޑިއެއް ބޭނުންވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލާފައެވެ. ރާއްޖެއާ އެކީގައި މި ގޮނޑިއަށް ވާދަކުރަނީ އާބާދީގައި ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ އިންޑަނޭޝިޔާއެވެ. މިއީ މީގެކުރިންވެސް އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ތިން ދައުރެއްގައި ފުރާފައިވާ ޤައުމެކެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21ވަނަ ދުވަހު އދ.ގައި ރާއްޖެ ހިމެނުމާއި އެކު މިއަދާއި ހަމައަށްވެސް ރާއްޖެއިން އަންނަނީ އދ.ގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ކިތަންމެ ކުޑަ ޤައުމަށްވި ނަމަވެސް ރާއްޖެއިން އދ.ގައި އަދާކުރާ ރޯލެއް ކުޑައެއްނޫނެވެ. އަދި ވަކިން ޚާއްސަކޮށް މިފަހަކަށް އައިސް ރާއްޖެއިން ދުނިޔޭގެ ބޮޑެތި ބާރުތައް އިންޒާރުދީފައި ވަނިކޮށްވެސް އދ.ނިންމާފައިވާ މުހިއްމު ނިންމުންތައް ފާހަގަކޮށްލަންޖެހެއެވެ. ފަލަސްޠީނުގެ ޤުދުސަކީ އިސްރާއިލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅި ޤަރާރު ރާއްޖެއިން ކޯ ސްޕޮންސާ ކުރުން ފާހަގަކޮށްލެވެއެވެ.

މިފަދަ މުހިއްމު ނިންމުންތަކެއް ރާއްޖެއިން ނިންމީ ދުނިޔޭގެ ބޮޑެތި ބާރުތައް ކުރިމަތީގައި ސާބިތުކާމާއެކުއެވެ. މިއަދު އެ ޤައުމުތަކުންވެސް ރާއްޖެއަކީ "ގަޓު" ހުރި ޤައުމެއްގެ ގޮތުގައި ދެކެއެވެ. ރާއްޖެއަކީ "ގަންނާކުރައްވާ ބިރުން" ދުނިޔޭގެ ބޮޑު ބާރަކާ ދެކޮޅަށް ވޯޓު ނުދޭނެ ޤައުމެއް ނޫންކަން މިވަނީ އދ.ގައި ހޭދަކުރި 52 އަހަރުގެ ތެރޭގައި ސާބިތުކޮށްދީފައެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަށް ކުރިމަތިލާނެކަން ޢިއުލާން ކުރުމާއިއެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ މިކަމުގައި ރާއްޖެއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ. މި ގޮނޑިއަށް ވޯޓު ހޯދުމުގެ މަސައްކަތުގައި ދިވެހި ސަރުކާރުން މިންނެތް މަސައްކަތްތަކެއް ކުރަމުންދިޔަ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން ވަނީ މި މަސައްކަތްތަކަށް ހުރަސް އަޅައި އެންޓި ކެމްޕެއިން ކޮށްފައެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ބަސް ބުނަން ކެރުނު ކުޑަކުޑަ މި ދިވެހިރާއްޖޭގެ އަދުގެ ސަރުކާރު އެއް ޕާޓީން އަނެއް ޕާޓީއަށް ސޮއިކުރައްވަމުން ވަޑައިގަންނަވާ ބޭފުޅުން ދައްކަވާ ވާހަކަތަކާއި ޢަމަލުތަކަށް ފަސްޖެހޭނެކަމަށް ހީފުޅު ކުރެއްވުމަކީ ކުންހީއެއްކަމަށް ސަރުކާރުންބުނެއެވެ.

އެފަދަ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ މަދަދަށް އެދޭ ދިވެހިންނެވެ. އެހެންކަމުން އެފަދަ ބޭފުޅުންނަށް ރައްދު ދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް އެބަ ބޭނުންވެއެވެ. އެފަދަ ފަރާތްތަކަށް ރައްދު ދޭން ސަރުކާރުން ބޭނުންވަނީވެސް ހައިބަތުހުރި ޤައުމެއްގެ ގޮތުގައެވެ.

ބައެއް ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި އދ.ފަދަ ބޮޑު ޖަމިއްޔާއެއްގެ ސިސްޓަމްގައި ހަމައެކަނި މަސައްކަތް ކުރެވޭނީ ތަނަވަސް ޤައުމުތަކަށެވެ. އެހެންނަމަވެސް މިއަދު މި ކުޑަކުޑަ ދިވެހިރާއްޖެއިން ދައްކައި މިދެނީ އދ.ގެ ސިސްޓަމްގެ ތެރޭގައި ކިތަންމެ ކުޑަ އަދި ކިތަންމެ ބޮޑު ޤައުމަކަށްވެސް މުހިއްމު ދައުރެއް އަދާ ކުރެވިދާނެކަނެކަމެވެ. މިފަދަ މުހިއްމު ކައުންސިލެއްގެ ގޮނޑިއަކަށް އެއްވެސް ޖެހިލުމެއް ނެތި ރާއްޖެއިން ކުރިމަތިލާނެކަން ޢިއުލާން ކުރުމަކީވެސް މިފަދަ ކުޑަ ޤައުމަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެކެވެ. ފަޚުރެކެވެ.

މި ރިޕޯޓުގެ ފެށުމުގައި ސަރަޙައްދީ ފުޓުމޯޅަ މުބާރާތުގެ ތަށި ދިވެހިން ހޯދި ވާހަކައިން އަޅުގަނޑު މިސާލު ދެއްކީ މިއީ ސިޔާސީ ކަމެއް ނޫންކަމަށްވާތީއެވެ. ސަބަބަކީ މިފަދަ ބޮޑު ޖަމިއްޔާއެއްގެ މުހިއްމު ކައުންސިލެއްގެ މެމްބަރު ޤައުމަކަށް ރާއްޖެވެއްޖެނަމަ މިއީ ހަމައެކަނި އަދުގެ ސަރުކާރަށް ނުވަތަ ރައީސް ޢަބްދުﷲ ޔާމީނަށް ލިބިގެންދާނެ ކާމިޔާބީއެއް އަދި ފަޚުރެއް ނޫނެވެ. އެއީ މުޅި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާ ކާމިޔާބީއެކެވެ.

ޤައުމަށް ޣައްދާރުވާ މަދު ބަޔަކު މިމަސައްކަތަށް ހުރަސް އަޅަން މަސައްކަތް ކުރިއަސް ދިވެހިރައްޔިތުންގެ އުއްމީދަކީ މިއަދު ނަގާ ވޯޓު ބޮޑު އަޣުލަބިއްޔަތަކުން ދިވެހި ޤައުމު ކާމިޔާބުކޮށް، ފަސް ޖެހުމެއް ނެތި ދުނިޔޭގެ ކުރިމަތީގައި ބަސް ބުނުމެވެ. ދުނިޔޭގެ އިސްލާމީ ޤައުމުތަކާއި އެ ޤައުމުތަކުގެ ލޮބުވެތި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ބަސްބުނުމުގައި ރާއްޖެއިން ދައްކާ އާދައާޚިލާފު ހިތްވަރަށް އިތުރު ކުރިއެރުމާއި ސާބިތުކަން ލިބުމެވެ.