ޚަބަރު

ރިޔާސީ އިންތިޚާބު ބާއްވާތާރީޚު އިޢުލާންކުރުން ބުރާސްފަތި ދުވަހުގެރޭ


ރިޔާސީ އިންތިޚާބު ބާއްވާތާރީޚް އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ޚާއްޞަ ރަސްމިއްޔާތެއްގައި އިޢުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން މިގޮތަށް ނިންމީ، މިއަދު ބޭއްވި އިންތިޚާބަށް ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެ ކޮމިޝަނުން ކުރިން ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވާނެކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނެކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކުގެ %90 މަސައްކަތް ނިފައިވާކަމަށާ، އިންތިޚާބަށް އެކުލަވާލަންޖެހޭ ކޮމްޕްލެއިންސް ބިއުރޯވެސް އެކުލަވާލާ ނިމިފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. ކޮމްޕްލެއިންސް ބިއުރޯއަކީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އިންތިޚާބު ނިމެންދެން، އިންތިޚާބާއި ގުޅޭގޮތުން އުފުލާ ޝަކުވާތައް ހުށަހެޅުމަށް ޤާއިމްކުރާ ބިއުރޯއެކެވެ. މީގެ އިތުރުން އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓް މިމަހުގެ ފަނަރާއިގެ ކުރިން ޢާންމުކުރާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ބަހަށްޓާ ވޯޓު ފޮށީގެ ޢަދަދު މީގެ ކުރީގެ އިންތިޚާބުތަކަށްވުރެ ގިނަވާނެކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެއީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ އާބާދީއަށް ބަދަލުތަކެއް އައިސްފައިވުމާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ނިސްބަތަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެންނެވެ. މީގެ އިތުރުން ފާއިތުވި އިންތިޚާބުތަކުގައި ވޯޓު ފޮށި ނުބަހައްޓާ ބޭރުގެ ބައެއް ސަރަޙައްދުތަކުގައިވެސް މިފަހަރުގެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރުގައި މިއަހަރު ވޯޓުފޮށްޓެއް ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢޫލޫމާތުދެއެވެ.

ރިޔާސީ އިންތިޚާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި، ބައެއް ރިސޯޓްތަކާއި، ސިނާޢީ މަސައްކަތްކުރާ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާނެއެވެ.