އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއިން ހޯދައިފިއެވެ.
ހދ. އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއިން ހޯދި ފައިނަލުގައި ނައިވާދޫގެ މައްޗަށް 0-2 އިން ކުރިހޯދައިގެންނެވެ.
ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ހަނިމާދޫއިން ދެލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލަނޑު، 10ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނޫރުﷲ ޠާޙާއެވެ.
މެޗުގައި ހަނިމާދޫގެ ދެވަނަ ލަނޑު، ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް 19ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ޚާލިދެވެ.
ދެވަނަ ހާފުގައި މެޗުގެ ފަރަގު ކުޑަކުރަން ނައިވާދޫއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. 38ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި މި ފުރުސަތު މުޙައްމަދު ޝާއިންއަށް ލިބުނު ނަމަވެސް އޭނާއަށް ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
ވާދަވެރިކަން ބޮޑުވި އަތޮޅު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫގެ އަބްދުﷲ މުޙައްމަދެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަނިމާދޫއިން ހޯދީ ގުރޫޕު ސްޓޭޖުގައި ކުޅުނު ދެމެޗާއި، ސެމީގެ އިތުރުން ފައިނަލް މެޗު ހިމަނައިގެން ކުޅުނު ހަތަރު މެޗުގައި އަށް ގޯލު ޖަހައިގެންނެވެ. ބައިކޮޅަށް ވަދެފައި ވަނީ ތިން ލަނޑެވެ.
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ހދ. އަތޮޅުން ޖުމްލަ ހަ ޓީމު ބައިވެރިވިއެވެ. މި ހަޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ގުރޫޕު ސްޓޭޖުގެ މެޗުތައް ކުޅުނުއިރު ހަނިމާދޫ ހިމެނުނީ ނޮޅިވަރަންފަރާއި ކުމުންދޫއާއިއެކު ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނުނީ އަތޮޅު ރަނަރަޕް ނައިވާދޫގެ އިތުރުން ނޭކުރެންދޫއާއި ކުރިނބީއެވެ.