ޚަބަރު

އައިލެންޑް އޭވިއޭޝަނުން ތިމާވެއްޓާއި ރައްޓެހި ހަތަރު މަޝްރޫޢުއެއް


ޤައުމީ އެއަރލައިން އައިލެންޑް އޭވިއޭޝަނުން، ތިމާވެއްޓާ ރައްޓެހި 4 މަޝްރުޢެއް ފަށައިފިއެވެ. މި މަޝްރޫޢުތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.

މި ކަންކަމުގެތެރޭގައި ހިމެނެނީ ސީޕްލޭން ޓަރމިނަލާއި ސީޕްލޭންގެ މަރާމާތުގެ މަސައްކަތްތަކަށް ބޭނުންކުރާ ޢިމާރާތް، އިޢާދަކުރަނިވި ހަކަތައިން ހިންގާ ތަންތަނަށް ބަދަލުކުރުމާއި، އައިލެންޑް އޭވިއޭޝަންގެ އޮފީސް ޢިމާރާތްތަކުގައި ބޭނުންކުރާ ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުމާއި، ފްލައިޓްމަތީގައި ބޭނުންކުރާ ޕްލާސްޓިކްތަށި މުޅިން ކަރުދާސް ތައްޓަށް ބަދަލުކުރުމާއި، ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތައް ޤާއިމުކުރުމެވެ.

މީގެތެރެއިން އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތްތައް މިހާރުވެސް ފަށާއިގެން ގެންދަނީ ކުރިއަށެވެ. އަދި ފްލައިޓްމަތީ ބޭނުންކުރާ ތަށި ކަރުދާސްތައްޓަށް ބަދަލުކޮށް، ދެމަސްތެރޭގައި ބޭނުންކުރަން ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުންބުނެއެވެ. އަދި ކަލެކްޝަން ޕޮއިންޓްތަކުން ނަގާ ޕްލާސްޓިކް ރާއްޖެއިން ބޭރަށް ފޮނުވައިގެން ރިސައިކަލް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހައް ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަރރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ މިއީ އެހެން ހުރިހާ ކުންފުނިތަކުންވެސް މިސާލަކަށް ބަލަންޖެހޭ ކަމެއްކަމަށެވެ. އަދި މިކަމަކީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މާއްދާއްތައް މަދުކުރުމަށް ސަރުކާރުން ހިންގާ މަޝްރުޢުތަކަށް އިތުރުވެގެންދިޔަ މުހިންމު ބޮޅެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި މަޝްރޫޢުތަކުގެސަބަބުން މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރާ އެއްގޮތަށް ޕްލާސްޓިކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރެއްވިއެވެ. ޠާރިޤް ވިދާޅުވީ ޕްލާސްޓިކާއި ދެކޮޅަށް ޕޮލިސީ ލެވެލްގެ މަސައްކަތްތައްވެސް ސަރުކާރުން ކުރަމުންދާކަމަށެވެ.

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެގެ އެއްބާރުލުން ބޭނުންވާކަމަށާ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް މަދުކޮށް، އަލުން ބޭނުންކުރެވޭ ތަކެތި ބޭނުންކުރުން އިތުރުކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަނުންވަނީ މިނިސްޓަރ ޠާރިޤު އިބްރާހީމަށް ޚާއްސަ ފިލައެއް އަރުވާފައެވެ. މި ފިލާ މިނިސްޓަރއަށް އަރުވާފައިވަނީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްހާރިސްއެވެ.