ރިޕޯޓް

ޒަމާނީ ވަޞީލަތްތަކުގެ ފަސޭހަތައް ތިމާވެއްޓާ ރައްޓެހި ކަންކަމަށް ބަދަލުކުރަންޖެހޭ - މިނިސްޓަރ ޠާރިޤު


ތަރައްޤީއާއި، ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ލިބުނު ފަސޭހަތަކަކީ ތިމާވެއްޓާ ރައްޓެހި ފަސޭހަތަކަކަށް ބަދަލުކުރަން ޖެހޭކަމަށާއި، މިކަމުގައި ފަރުދީގޮތުންނާއި، ރަށު ފެންވަރުގައާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙާއްސަ ހިތާބުގައެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައެވެ. މިއީ ތިމާވެށީގެ ނާޒުކުކަމާއި، ގުދުރަތީގޮތުންނާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ އެކިކަހަލަ ނޭދެވޭ އަސަރުތަކާމެދު ދުނިޔޭގެ ފެންވަރުގައި ވިސްނާ، އެކަންކަމާމެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން، އާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ފާހަގަކުރާ ޙާއްސަ ދުވަހެކެވެ. އެގޮތުން 1974 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގައި ކޮންމެ އަހަރަކުވެސް ތިމާވެށީގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" އެވެ. މިއަހަރުގެ ޝިއާރު ބިނާވެފައިވަނީ ކުނީގެ ގޮތުގައި އުފެދޭ ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ތިމާވެއްޓާ ރައްޓެހި ބަދަލުތައް ގެނެއުމަށް އާއްމުންނަށް ހިތްވަރު ދިނުމުގެ މައްޗަށެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙާއްސަ ހިތާބުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ، ގިނަ އަސާސީ ބޭނުންތަކުގެ އާސާރުތައް މި ބިން މައްޗަށް ދޫކުރެވިގެންދަނީ ކުނީގެ ސިފައިގައިކަމަށާއި، މީގެ ތެރޭގައި އަމިއްލަ ޒާތުގައި ނެތި ފަނާވެ ނުދާ ޕްލާސްޓިކް ކުނީގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާފައެވެ. މިފަދަ ކުނީގެ މަންޒިލަކަށް ކަނޑުތަކާއި، ގޮނޑުދޮށްތައް ވެފައިވާކަމީ ހިތާމަކުރަންޖެހޭ ކަމެއްކަމަށާއި، މި ބީދައިން ކަން ހިނގާނަމަ، ދުނިޔޭގެ ކަނޑުތަކުގައިވާ މަހަށްވުރެ، ޕްލާސްޓިކް ކުނި ގިނަ ވެދާނެކަމަށް ދިރާސާތަކުން ދައްކާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ނުގެނެވިއްޖެނަމަ، ކަނޑުމަތީ ހުރިހާ ދޫނީގެ ނަސްލެއްގެ ކެއުމުގެ ތެރޭގައި ކުންޏަށް އުކާލެވޭ ޕްލާސްޓިކް ހިމެނިގެންދާނެކަމުގެ އިންޒާރަކީ ވަކިން ޙާއްސަކޮށް ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި މިނިސްޓަރ ޠާރިޤް ވަނީ ސިފަކުރައްވާފައެވެ.

ދުނިޔޭގެ ނިސްބަތުން 5 ވަނައަށް އެންމެ މުއްސަނދި ފަރުގެ ނިޒާމް އޮތީ ރާއްޖޭގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މި ނާޒުކު ފަރުތަކުގެ ދުޅަހެޔޮކަމަކީ ރާއްޖޭގެ އިޤްތިޞާދު އޭގެ މައްޗަށް ބަރޯސާވެފައިވާ ފަތުރުވެރިކަމާއި، މަސްވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާކަމެއްކަމަށެވެ. އަދި ޕްލާސްޓިކް ކުނިން މިފަރުތައް ތަޣައްޔަރުވަމުންދާނަމަ އޭގެ އަސަރު އެކި ފެންވަރުގާ، ހުރިހާ ދިރުންތަކަކަށް ކުރާނެކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ޕްލާސްޓިކު ކުނީގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން އަމިއްލައަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ޠާރިޤް ވިދާޅުވީ، ރާއްޖޭގެ މަދަނީ ޖަމާއަތެއްގެ އިސްނެގުމާއެކު ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއިން 893 ޓަނުގެ ޕްލާސްޓިކު ރިސައިކަލް ކުރުމަށް ބޭރަށް އެކްސްޕޯޓުކޮށްފައިވާކަމަށެވެ. އަދި މިފަދައިން އަމިއްލަ އިސްނެގުމާއެކު އާއްމު ފަރާތްތަކުން ކުރާ އެތައް އަގުހުރި މަސައްކަތްތަކެއްގެ މިސާލު ފެންނަމުންދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޠާރިޤު ދެއްވި ހިތާބުގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު، ތިމާވެއްޓާ ރައްޓެހި އާދަތަކަށް ބަދަލުވުމަށްޓަކާ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޒުމުކަނޑައެޅުން މުހިއްމުކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކްގެ ބަދަލުގައި ގިނަ ފަހަރު ބޭނުންކުރެވޭ ޒާތުގެ އެހެން ހައްލުތައް ބޭނުންކުރުން މުހިއްމުކަމަށް ވަނީ ވިދާޅުވެފައެވެ.