ޚަބަރު

ކުނި އެޅުމަށް ޚާއްސަ ޑަސްބިންތަކެއް މާލޭގައި ބަހައްޓަން ފަށައިފި


މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް މުޅިމާލޭގައި ކުނިއަޅާ ޚާއްސަ ޑަސްބިންތަކެއް ބެހެއްޓުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށައިފިއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީއާއި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން އިންތިޒާމްކޮށްގެން ބޭއްވި ޙަފްލާގައި ވަނީ ޗާންދަނީ މަގުގެ ހަތަރު ސަރަޙައްދެއްގައި ޑަސްބިންތައް ބަހައްޓާފައެވެ.

މި ޑަސްބިންތައް ބަހައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ އާމިރާއި ވެމްކޯގެ ޗެއާމަން މުޙައްމަދު ސިރާޖެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި، މަގުތަކުގެ އެކި ދިމަދިމާގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްޙީ މައްސަލަތައް ހައްލުކުރުމަށް ތަޢާރަފްކުރި މަޝްރޫއުއެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ލިބޭ ފީޑްބެކެއް ތިމަންނަމެން މަގުމަތީގައި މި ބޭނުންކޮށްލާ އެއްޗެހި އަޅާލާނެ ޑަސްބިނެއް ނުކުރެއޭ. އެހެންވީމަ މިއަށް އަޅުގަނޑުމެން ކޭޓާރ ކުރުމުގެ ގޮތުން މިއަދު މާލޭގައި އެކި ހިސާބުތަކުގައި ޑަސްބިން ބެހެއްޓުމުގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ޗާންދަނީ މަގުގައި މި ބެހެއްޓެނީ. މިއަދު މި ބެހެއްޓެނީ މަދު ޑަސްބިން ކޮޅެއް ނަމަވެސް މީގެ އިތުރަށް މާގިނަ ދުވަހެއް ނުވެ އިތުރު ޑަސްބިން ބެހެއްޓޭނެ،" އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ބުނީ މަގުތަކުގައި ބަހައްޓާ ޑަސްބިންތަކުން ޤަވާޢިދުން ކުނި ހުސްކުރުމާއި އުކާލުމުގެ އެންމެހައި ޒިންމާތައް ވެމްކޯގެ ޢިޖުތިމާޢީ ޒިންމާގެދަށުން ކޮށްދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ އާމިރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މިކަމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ޑަސްބިންތަކެއް ކަމަށެވެ. އެގޮތުން ޑަސްބިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑިއެއް ހަރުކޮށް އެހޮޅިދަނޑީގައި ޑަސްބިން ހަރުކޮށްފައި ހުންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑަސްބިން ހަރުކުރެވޭ ހޮޅިދަނޑި ހުންނާނީ ދުވާރު ބޭނުންކުރާ ފަރާތްތަކަށާއި އަދި ސައިކަލު ޕާކު ކުރާ ފަރާތްތަކަށް ދަތިނުވާނެހެން ބިމުން މައްޗަށް އުފުލިފަ. މަޝްރޫއުގެ ދަށުން މާލޭގެ އެކި ހިސާބުތަކުގައި ޑަސްބިން ބެހެއްޓުމަށް ވަނީ ހަމަޖެހިފަ. ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މި ޑަސްބިންތައް ހަރުކުރެވިފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާނީ." ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި މީގެ ކުރިންވެސް ޑަސްބިންތަކެއް ބެހެއްޓިއެވެ. އެހެންނަމަވެސް އެ ޑަސްބިންތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާފައި ނުވާއިރު، މިއަދު ފެށި މަޝްރޫއަކީ އެކަމަށް ރައްޔިތުން އަހުލުވެރިކުރުމާއި އަޖުމަބެލުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ ބުނެއެވެ.