ޚަބަރު

ރައީސް އޮފީހުން މިދިޔަ އަހަރު ހުރިހާ ޚަރަދެއްކުރީ ރަނގަޅަށް - އޮޑިޓް ރިޕޯޓް


ރައީސް އޮފީހުން މިދިޔަ އަހަރު ހުރިހާ ޚަރަދެއްކޮށްފަވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަނޫނާއި ޤަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން އާންމުކުރި ރައީސް އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2017 ވަނަ އަހަރު ނިމުނުއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި ނާއިބު ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ މާލީ ޚަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަޤްސަދު ހާސިލުވާ ގޮތަށް ކަމަށެވެ. އެގޮތުން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތަށް ކޮށްފައިވާކަން އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައިސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި ނާއިބު ރައީސްގެ ރަސްމީ ގެކޮޅުގެ މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައި ވަނީވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ހުރި ބައެއް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރައީސް އޮފީހަށް ކަނޑައަޅާފައިވަނީ 144.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 139.10 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެހެންކަމުން މިދިޔަ އަހަރު ނިމުނު އިރު ރައީސް އޮފީހުގެ ބަޖެޓްގައި ޚަރަދު ނުކޮށް 4.6 މިލިއަން ރުފިޔާ ވަނީ ބާކީ ވެފައެވެ.