ޚަބަރު

ފުލުހުންނަށް ޗުއްޓީ ދޭ އުސޫލަށް ބަދަލުގެނެސްފި


ފުލުހުންނަށް އަހަރީ ޗުއްޓީ ދިނުމުގައި ބަންދު ދުވަސްތައް ހިމަނައިގެން ދޭ ގޮތަށް ހަމަޖައްސާ ޗުއްޓީދޭ އުސޫލަށް ބަދަލުގެނެސްފިއެވެ.

ފުލުހުން މިއަދު އާންމުކުރި މި ބަދަލާއެކު އަހަރީ ޗުއްޓީގެ ގޮތުގައި ފުލުހުންނަށް ލިބޭނީ ބަންދު ދުވަސްތައް ހިމަނައިގެން 38 ދުވަހެވެ. ނަމަވެސް މީގެ ކުރިން ފުލުހުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ދެމުން އައިސްފައިވަނީ ބަންދު ދުވަސްތައް ނުހިމަނާ 30 ދުވަހެވެ. މީގެ ކުރިން ފުލުހުންގެ އަހަރީ ޗުއްޓީ ޖަމާކުރެވެނީ 3 އަހަރު ދުވަހަށް ކަމަށްވާއިރު، ޗުއްޓީގެ ގޮތުގައި އެ ތިން އަހަރަށް ޖަމާވާ 114 ދުވަހުގެ އިތުރަށް ޗުއްޓީގެ ދުވަސްތައް ޖަމާއެއް ނުކުރެވެއެވެ. އަދި ބަދަލުގެ ގޮތުގައި އެ ދުވަސްތަކަށްވާ ފައިސާއެއްވެސް ނުލިބެއެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު ޗުއްޓީގެ 114 ދުވަހުގެ އިތުރަށް ޖަމާވާ ދުވަސްތަކަށް މުސާރައިން ދުވާލަކަށް ޖެހޭމިންވަރަށް ފައިސާ ލިބޭގޮތަށްވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ވަޒީފާ އަދާކުރާ ފުލުހަކަށް ނުވަތަ އާއިލާއަށް ދިމާވާ ޚާއްޞަ ބޮޑެތި ކަންކަމަށް "ޗުއްޓީ ބޭންކް"ގެ ގޮތުގައި މުވައްޒަފުންގެ އަދަދަށް ޗުއްޓީ ޖަމާވެފައި ހުންނާނެކަމަށް ޤަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ. މީގެ ކުރިން މިފަދަ ހާލަތްތަކުގައި ލިބެނީ 10 ދުވަހުގެ ޗުއްޓީއެކެވެ.

ޗުއްޓީދޭ އުސޫލަށް ގެނައި ބަދަލާއެކު ފުލުހުންގެ ވަޒީފާއާބެހޭ ޤަވައިދާއި، ސަލާމް ބުނުމުގެ ޤަވާއިދަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.