ޚަބަރު

ފޭދޫގައި ޑެންގީއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


އައްޑޫ ސިޓީގައި، ޑެންގީ ހުމާއި ވައިރަލް ހުމާއި ރޯގާ ފެތުރެމުންދާތީ މިކަމަށް ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި ޕްރޮގްރާމްގައި ފޭދޫގެ 400 އަށް ވުރެން ގިނަ ގޭބިސީއަށް ޒިޔާރަށްކޮށް މައުލޫމާތްދީފިއެވެ.

މި ޕްރޮގްރާމަކީ ފޭދޫ ޞިއްޙީ މަރުކަޒުން އިސްނަގައިގެން ފޭދޫ އާއި ގަމުގައިހުރި ސަރުކާރުގެ މުއައްސަސާ ތަކާއި އަމިއްލަ ކުންފުނިތަކާގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމާއި ރަށުގެ ޙާލަތު ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިކަމަށްޓަކައި އެކުލަވާލާފައިވާ ޓާސްކް ފޯސްގައި ހިމެނެނީ ފޭދޫ ޞީއްޙީ މަރުކަޒާއި، ފޭދޫ އަވަށު އޮފީހާއި ހައުސިންގ މިނިސްޓްރީގެ ފޭދޫ ޑިޕާޓްމަންޓާއި ގަން ޕޮލިސް ސްޓޭޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފޭދޫ ގޮތްޕާއި އެސް.ޓީ.އޯ. ފޭދޫ ފިހާރައިގެ އިތުރުން ގަމުގެ އީކުއޭޓަރ ވިލެޖްއެވެ.

މި ޕްރޮގްރާމްގެ ދަށުން އެރަށުގެ ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް މަދިރިފަނި އުފެދި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް ވަގުތުން އެޅޭނެ ފިޔަވަޅެއްއަޅައި، އެކަމާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. މީގެއިތުރުން ގޭގޭގެ ފެންވަޅުތަކާއި ފެންތާނގީތައް ކްލޮރިނޭޓް ކުރުމާއި ބައެއް ވަޅުތަކަށް ދިރޭ ކުދިމަސް ލުމުގެ އިތުރުން ރޯގާޖެހި ހުންއައިސް އުޅޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދުދީފައިވާކަމަށް ފޭދޫ ސިއްހީ މަރުކަޒުން ބުނެއެވެ.