ޚަބަރު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްގެ ވަޒީފާތަކަށް ހުޅުވާލަނީ


އައްޑޫ ސިޓީ ހުޅުމީދޫގައި މިފްކޯއިން ހަދާ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމައި، އަންނަ މަހު ޚިދުމަތްފަށަން ތައްޔާރުވެއްޖެއެވެ.

މިފްކޯއިން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، މަސް ފެކްޓްރީތައް ޤާއިމުކޮށް، މަސްވެރިންނަށް ފަސޭހަކަމާއިއެކު މަސް ވިއްކޭނެ އިންތިޒާމުތައް ފަހިކޮށްދެއްމުންނެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށްބަލާއިރު، މިހާރު ކުރަމުންދަނީ މެޝިންތައް އިންސްޓޯލްކުރުމުގެ އެންމެފަހުގެ މަސައްކަތްތަކެވެ. އަދި އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.

ދިވެހިންނަށް އިސްކަންދީގެން ވަޒީ ދިނުމަށް މަސައްކަތްކުރަމުންދާއިރު މިތަނުގައިހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މަޢުލޫމާތުދިނުމަށް، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގައި އޯޕަންޑޭއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި އޯޕަންޑޭގައި އައްޑޫ ކޮމްޕްލެކްސްގައި ހުރި ފުރުސަތުތަކާއި، ދާއިރާތަކުގެ މަޢުލޫމާތު ހިއްސާ ކުރާނެއެވެ. މިތަނުގައިހުރި ފުރުސަތުތަކުގެ ތެރޭގައި، ކޮލިޓީ ކޮންޓްރޯލް، އެކައުންޓިންގ، ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޝަންފަދަ ދާއިރާތަކުން 80 އާއި ގާތްކުރާ ޢަދަދަކައް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވެއެވެ.

މި އޯޕަންޑޭ އައްޑުއަތޮޅު ހުޅުމީދޫގައި ކުރިއަށްދާނީ މިމަހުގެ 20ވަނަ ދުވަހުއެވެ. ހިތަދޫގައި ކުރިއަށްދާނީ 21 ވަނަ ދުވަހުއެވެ. އަދި ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22ވަނަ ދުވަހުއެވެ. ހުޅުމީދޫގައި ހަދާ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗައް 100 ޓަނުގެ މަސް ގަނެ ރައްކާކުރެވޭ ކެޕޭސިޓީގެ ކޮމްޕްލެކްސްއެކެވެ. މި ކޮމްޕްލެކްސްގައި ފަނަރަސަތޭކަ ޓަނުގެ ފިނިކުރި މަސް އެއްފަހަރާ ރައްކާކުރެވޭނެކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.

މިތަނުގެ އައިސް ޕްލާންޓްގައި 50ޓަނުގެ އައިސް އުފެއްދޭއިރު، 50 ޓަނުގެ އައިސް ރައްކާ ކުރެވޭނެ ނިޒާމެއްވެސްވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން 250ޓަނުގެ ފެން ރައްކާކުރާ ނިޒާމަކާއި، 250 ޓަނުގެ ތެޔޮ ރައްކާކުރާ ނިޒާމެއްވެސް ޤާއިމުކުރާނެއެވެ. އަދި މިތަނުން މަސްވެރިންނަށް ބޭނުންވާ ތެޔޮވެސް ގަންނަން ލިބޭނެއެވެ.

ހުޅުމީދޫގައި ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ދަޅުގައި ބަންދުކޮށް ވިއްކާމަސް، ޕެކެޓުގައި ނުވަތަ ޕައުޗްގައި ބަންދުކުރާ ޕްލާންޓެއްވެސް ޤައިމުކުރާނެކަމަށް މިފްކޯއިން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، މިފްކޯއިން މިހާރު މި ޚިދުމަތްތައް ފޯރުކޮށްދެނީ ގއ.ކޫއްޑޫގައި ޤާއިމުކޮށްފައިވާ މަސް ފެކްޓްރީންބުނެއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއިއެކު އެ ސަރަޙައްދުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.