ޚަބަރު

ފާއިތުވި 5 އަހަރު ފުވައްމުލައް ސިޓީގެ ތަރައްޤީއަށް 745 މިލިއަން


ފާއިތުވި 5 އަހަރަކީ އުމުރާނީ ތަރައްޤީގެ އެތައްސަތޭކަ މަޝްރޫޢުތައް ހިންގި އަހަރެކެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް، އެތައް މިލިއަނުން ޚަރަދުކޮށް، ބައެއް ބޮޑެތި ރަށްރަށުގެ މަލަމަތިވަނީ އެއްކޮށް ބަދަލުކޮށްލާފައެވެ. އެގޮތުން ތަރައްޤީގެ މުހިއްމު ބޮޑެތި މަޝްރޫޢުތައް ކުރިއަށްދިޔަ އެއްސަރަޙައްދަކީ ރާއްޖޭގެ ދެކުނުން ފުވައްމުލައް ސިޓީއެވެ.

ފާއިތުވި 5 އަހަރު، ފުވައްމުލައް ސިޓީގައި 41 މަޝްރޫޢަށް ވުރެގިނަ މަޝްރޫޢުތަކުގެ މަސައްކަތް މަސައްކަތް ފަށާފައިވެއެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ނިމިފައިވާއިރު، ބައެއް ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިހާރު ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި
މަގު ހެދުމުގެ މަޝްރޫއާއި ނަރުދަމާއާއި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްދާ މަޝްރޫޢުއަކީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގައި ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ކުވެތް ފަންޑުގެ އެހީއާއެކު، ޖުމުލަ 285 މިލިއަން ރުފިޔާގެ މި މަޝްރޫޢަށް އިތުރަށް ބޭނުންވާ 110 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖައްސާފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.

ނަރުދަމާގެ މަސައްކަތުގެ އިތުރުން ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. 32.9 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓުގެ ދަށުން 2.9 ކިލޯމީޓަރުގެ ނައިބްތުއްތު މަގުގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާނެއެވެ. މިހާރު ކާނު ހެދުމާއި ދުވާރު ވަކިކޮށް ތާރުއެޅުމަށް ބޭނުންވާ ބައެއް މުހިއްމު މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގައި ކުރިއަށްދާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަައް މޮނިޓަރކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާޑަރ ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތާއި މާލެގަން، ދިގުވާނޑު، ފުނާޑު އަދި ހޯދަނޑު ސްޕޯޓްސް އެރީނާގެ ފުޓްސަލްދަނޑުގެ މަސައްކަތާއި، ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިކަމުގެ ކޯޕަރޭޓިވް ޤާއިމްކުރުމާއި ޒުވާނުންގެ މަޒުކަރަށް ޖިމް ސާމާނުގެ ހޯދުން ހިމެނެއެވެ.

މީގެ އިތުރުން މިހާތަނަށް އެއްކޮށް ނިމިފަހުރި ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރު މަރާމާތު ކުރުމާއި ތަޢިލީމީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ފުވައްމުލައް ސިޓީގެ އެމްޖޭއެމް ސްކޫލާއި ޙާފިޒް އަހުމަދު ސްކޫލުގައި ކްލާސްރޫމް އެޅުމުގެ މަސައްކަތާއި އަތޮޅު ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމާއި މާލެގަނމާއި ދޫނޑިގަމު ކުޅިވަރު ބިމުގައި ލައިޓުޖެހުމާއި ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތާއި ފަޔަރ ސްޓޭޝަނުގެ މަސައްކަތާއި އިންޖީނުގެ ބޮޑުކުރުމާއި 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ފޯރުކޮށްދިނުމާއި، 200 ފްލެޓް އިމާރާތްކުރުމާއި މާދަނޑު ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުން ހިމެނެއެވެ.

ފުވައްމުލައް ސިޓީގައި ފާއިތުވި 5 އަހަރު ހިންގާފަ ހުރި ބޮޑެތި މަޝްރޫޢުތަކާއި އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށް މިހާތަނަށް 745 މިލިއަން ވުރެގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެން ކަމުން މިސިޓީއަކީ ޚަރަދާއި މަޝްރޫޢުތަކުގެ ނިސްބަތުން އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ އެއްރަށެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީއާއިގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއިން ތައްޔާރުކޮށްފައިވާ ޕްރޮގްރާމް - އެފައިސާ މިފައިސާ