ގދ.ފަރެސްމާތޮޑާގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ބިންހިއްކުމަށް ހަވާލުކޮށްފައިވަނީ، ގަލްފް ކޮބްލަރ ޓެންސަރ ކުންފުންޏާއެވެ. ގަލްފް ކޮބްލާއާ ޙަވާލުކޮށްފައިވަނީ އެކަމަށްބޭނުންވާ ބިން ހިއްކުމާއި، ބިންގަނޑު ޙިމާޔަތް ކުރުމުގެ މަސައްކަތެވެ.
މިކަމުގެ އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މޫސާ ޒަމީރެވެ. އަދި ގަލްފް ކޮބްލަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މައިކަލްއެވެ. ތިންމަސްދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް ޙަވާލުކޮށްފައިވަނީ ދޭއް ޕޮއިންޓް ފަހެއް މިލިއަން ޑޮލަރަށެވެ. މި އެއަރޕޯޓް އަޅަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ ސަރުކާރަށް ދީފައިވާ 4 މިލިއަން ޑޮލަރުގެ ލޯނު އެހީގައެވެ. ސޮއިކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މި ލޯނު ދީފައިވަނީ އެއްވެސް އިންޓްރެސްޓަކާ ނުލައިކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓަކީ އެ އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް ގެންނާނެ މަޝްރޫޢުއަކަށް ވެގެންދާނެކަމަށެވެ. ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގައި ޖުމްލަ އަށް ރިސޯޓް މިހާރުވެސް ހިންގަމުންދާއިރު އެ ދެއަތޮޅަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުގެ ދަތިކަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއަރޕޯޓްގެ ސަބަބުން މިކަން ޙައްލުވެ، ފަތުރުވެރިކަމުގެ މާކެޓް ފުޅާވެ ލޯކަލް ޓުއަރިޒަމަށްވެސް މަގުފަހިވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރުވެސް މި ދެ އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދެވޭނެ ގިނަ ރަށްތައް އެބަހުރިކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ މި ޕްރޮޖެކްޓް ވެގެންދާނީ އަތޮޅުގެ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ގެންނާނެ ޕްރޮޖެކްޓަކަށްކަމަށެވެ. އަދި މި ޕްރޮޖެކްޓާއެކު ފަތުރުވެރިކަން އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތު އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެރަށުގެ ބިން ހިއްކުމަށް ބޭނުންވާ ސަރވޭތައް ކުރުމާއި، އީއައޭ ހެދުމުގެ މަސައްކަތް މިހާރުވެސް ގެންދަނީ ކުރަމުންނެވެ. އަދި މާދަމައިން ފެށިގެން ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވާން ފަށާނެކަމަށްވެސް ގަލްފް ކޮބްލަރއިން ބުނެއެވެ. ގަލްފް ކޮބްލަރގެ މެނޭޖިގ ޑިރެކްޓަރ އަޙްމަދު މައިކަލް ވިދާޅުވީ މިޕްރޮޖެކްޓަކީ 90 ދުވަހުގެ ޕްރޮޖެކްޓެއް ނަމަވެސް 75 ދުވަހުގެތެރޭގައި ނިންމާނެކަމަށެވެ.
ބިންހިއްކުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ބަޔަކާ ޙަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ. ފަރެސްމާތޮޑާގައި އަޅާ އެއަރޕޯޓަކީ 1.2 ކިލޯ މީޓަރުގެ އެއަރޕޯޓެކެވެ.
ސަރުކާރުން މިއަހަރު މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުގައި 8 އެއަރޕޯޓް އެޅުމަށްވަނީ ހަވާލުކޮށްފައެވެ.