ރިޕޯޓް

"ހިޔާ މަޝްރޫޢު" - ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް !


ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ވަކިން ޚާއްސަގޮތެއްގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލެ ސަރަޙައްދުކަމަށްވެފައި، މި ސަރަޙައްދުގައި މިކަން އޮތް ނިސްބަތް އިތުރުކަން ފާހަގަކޮށްލަންޖެހެއެވެ. ބޯހިޔާވަހިކަމަށް އެކަށީގެންވާ ހައްލެއް ނުހޯދި ގިނަ ޒަމާންތަކެއްވުމުގެ ނަތީޖާއަކަށްވީ، އިޖްތިމާޢީގޮތުން ބޮޑު އަނދަވަޅަކަށް ރާއްޖެ ވެއްޓިގެންދިއުމެވެ.

ވެރިރަށް މާލެއަށް ބަލާލުމުން މި މަންޒަރު ވަރަށްވެސް ސާފެވެ. ބޮޑެތި ގޯތިގެދޮރު ދަރީންގެ ދަރީންނަށް ފޮތިކުރަމުން ކުރަމުންގޮސް، ސަތޭކަ އަކަފޫޓުވެސް ހަމަނުވާ ކުދިކުދި "ޖިފުޓި" ތަކުގައި ދިރިއުޅޭ މީހުން މިއަދު މާލޭގައިވެސް މަދެއް ނޫންނެވެ. ގިނަ މީހުން ސިފަކުރަނީ ވެރިރަށް މާލޭ ސިޓީއަކީ ބޯހާސްވުމާއި، ތޮއްޖެހުން ބޮޑު "ކޮންކްރީޓް" ޖަންގަޔެއްގެ ގޮތުގައެވެ. މިކަމަށް ހައްލެއް ގެނެއުމަށްޓަކައި ކުރީގެ ސަރުކާރުތަކުންވެސް ތަފާތު ނަންނަމުގައި އެކި މަޝްރޫޢުތައް ހިންގާފައިވެއެވެ. އެހެންނަމަވެސް އެކަށީގެންވާ ނަތީޖާއެއް ފެނިފައެއްނުވެއެވެ.

ކުރީގައި އަޅަން ފަށާފައިވާ ގިނަ ފްލެޓްތައް ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގެނެވިއިރު ތަފާތު ސަބަބުތަކުގެ ސަބަބުން ހުރީ ހުއްޓިފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ދައްޗަކީ، ތަރައްޤީއޭ ބުނެ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ދެއްކި ހުވަފެނީ މަންޒަރުތަކުގައި ހަޤީޤީ ކުލަ ޖައްސައިދިނުމެވެ. އެމަނިކުފާނުގެ ޙިކުމަތުޢަމަލީގެ ނަތީޖާއަކީ މިއިން ޒަމާނަކު ރާއްޖެ ނުދެކޭފަދަ ތަރައްޤީގެ ކުލަވަރުތައް ރާއްޖޭގެ އެތަން މިތަނުން ފެނިގެންދިއުމެވެ. ތަޙުޒީބު މުޖުތަމަޢުއެއްގެ ސިފަތައް ފެނިގެންދިއުމެވެ.

ތަރައްޤީގެ ފޮނިމީރުކަމުގެ ތެރެއިންވެސް އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ވަނީ އަތޮޅުތަކުގައި އެތައް ސަތޭކަ ހައުސިންގ ޔުނިޓެއް ޢިމާރާތްކޮށް ނިންމައި އެތަންތަން ޢާއްމުންނަށް ދޫކޮށްފައެވެ. ހަމައެހެންމެ މީހުން ދިރިއުޅޭ 14 ރަށެއްގައި ބިން ހިއްކުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް، އަތޮޅުތަކުގެ ހިއްކި ބިންތަކުގައި 600 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ސުނާމީ ކާރިސާގައި ގެދޮރުގެއްލުން އާއިލާތަކަށް 10 އަހަރަށްފަހު ގެދޮރުދީ ނިންމާފައިވަނީ މި ސަރުކާރުންނެވެ. ފާއިތުވި 4 އަހަރުގެ ތެރޭގައި ހައުސިންގ ލޯންތަކަށް ރާއްޖޭގެ އެކި ބޭންކްތަކުން 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، 6000 އަށްވުރެ ގިނަ ފްލެޓް އަމިއްލަ ފަރާތްތަކުންވެސް އަންނަނީ ތަރައްޤީކުރަމުންނެވެ.

ދެން އޮތީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ވާހަކައެވެ. ހުޅުމާލޭ 2 ވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫޢަކީ މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދީ، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއެވެ. ޒުވާނުންގެ އުއްމީދުތަކާ ގުޅިފައިވާ، ޒުވާނުންގެ ސަހަރުގެ ގޮތުގައި ތަރައްޤީކުރާ މިތަނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިޓީތަކާ އެއް ކޮންސެޕްޓަކަށް، އެންމެފަހުގެ ޒަމާނީ ޚިދުމަތްތަކާއެކު ތަރައްޤީކުރަމުން އަންނަ ތަނެކެވެ. ޒުވާނުންގެ ސިޓީގެ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މިވަގުތު އެންމެ ހަލުވިކޮށް ކުރިއަށްދާ އެއް މަޝްރޫޢަކީ 7000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢެވެ.

25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވޭ މި 7000 ހައުސިންގ ޔުނިޓަކީ ސަރުކާރުން އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިންގ ކޯރޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި 16 ޓަވަރުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، ގިނަ ޓަވަރުތަކަށް ބޭނުންވާ ފައުންޑޭޝަންގެ މަސައްކަތްވެސް މިހާރު ނިމި، ޓަވަރުތަކުގެ ސްޓްރަކްޗަރ ޢިމާރާތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި 7000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ބޭނުންވާ ފޯމްތައް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ދޫކުރަން ފަށާފައިވާއިރު، މެއި މަހުގެ ނިޔަލަށް އެކަނިވެސް 40 ހާހަށްވުރެ ގިނަ ފޯމް ދަރުބާރުގެއިން ވަނީ ދޫކޮށްފައެވެ. ފްލެޓްތަކަށް އެދޭ ފޯމް މިހާރު ބަލައިގަންނަން ފަށާފައިވާއިރު، ފޯމް ހުށައެޅުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ތަރައްޤީގެ ދުވެލި އެންމެ ރަނގަޅަށް ދައްކުވައިދެނީ ހުޅުމާލޭ ދެވަނަ ފިޔަވަހި، އާދެ ޒުވާނުންގެ ސަހަރުންކަން ކަށަވަރެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިޓީތަކުގައި ލިބެން ހުންނަ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ޔޫތް ސިޓީގައި ސަރުކާރުން އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މެގަ ޕްރޮޖެކްޓް ހިޔާ މަޝްރޫޢުގެ ދަށުން މި 7000 ހައުސިންގ ޔުނިޓް ހިމެނޭހެން ޖުމްލަ 15 ހާސް ސޯޝަލް ހައުސިންގ ޔުނިޓް ސަރުކާރުން ބިނާކުރާނެއެވެ. 15 ބުރިއަށްވުރެ އުސް 62 ޓަވަރު، ހިޔާ މަޝްރޫޢުގެ ދަށުން ޒުވާނުންގެ ސަހަރުގައި ޢިމާރާތްކުރާނެއެވެ. މި މަޝްރޫޢު ނިމޭއިރު ގާތްގަނޑަކަށް ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ޔަޤީންވާނެއެވެ. ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެއެވެ.