ޚަބަރު

ތިލަފުށީގައި އިންސިނިރޭޓަރ ބޭނުންކޮށްގެން ކުނިނައްތާލަން ތައްޔާރުވަނީ


ތިލަފުށީގައި ޤާއިމުކޮށްފައިވާ، ކުނި އަންދާ މެޝިންތައް އަންނަ ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނެފިއެވެ. އެގޮތުން މި މެޝިންތައް ބޭނުންކޮށްގެން އެންމެ ފުރަތަމަ ނައްތާލަންފަށާނީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އުކާލާ މެޑިކަލް ވޭސްޓް ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ކުނި އަންދާ މެޝިންތައް ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފަށާއިރު ހަމައެކަނި މެޑިކަލް ވޭސްޓް ނައްތާލިނަމަވެސް، ވަރަށް އަވަހަށް ޢާއްމުކޮށް އުކާލާ ބާވަތްތަކުގެ ކުނި ނައްތާލުމުގެ މަސައްކަތްވެސް ފަށާނެކަމަށެވެ. މިހާރު ބަހައްޓާފައިވާ ކުނި އަންދާ 5 މެޝިނުން ދުވާލަކު 20 ޓަނުގެ ކުނި އެންދޭނެއެވެ.

މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން ވެމްކޯއާ ޙަވާލުކުރުމާއެކު ވެމްކޯއިންވަނީ ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް މުޅިން ހުއްޓާލާފައެވެ. މާލޭ ޞަރަޙައްދުގެ ކުނި މެނޭޖުކުރުމާ ވެމްކޯއިން ޙަވާލުވެ، މި ސަރަޙައްދުގެ ކުނި މެނޭޖުކުރާ ތިލަފުއްޓަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެސަރަޙައްދަށް ޖަމާވެފައިވާ ކުނިތައް ވަކި ނިޒާމެއްގެދަށުން ނަގައި، މުޅި ސަރަޙައްދުވަނީ ސާފުކޮށްފައެވެ.

ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢުގެދަށުން އެރަށުގައި ކުނި ޕެކްކުރާ ދެ މެޝިން ވަނީ ބަހައްޓާފައެވެ. މި މެޝިންތަކަކީ ރައްކާތެރިގޮތުގައި ކުނި ބެހެއްޓުމަށް، ތިލަފުއްޓަށް ގެންދާ ކުނި ވަގުތީގޮތުން ޕެކް ކުރުމަށް ބަހައްޓާފައިވާ މެޝިންތަކެކެވެ. އަދި ޕެކްކުރާ ކުނިތައް ނައްތާލުމަށް ހަމަޖެހިފައިވަނީ ތިލަފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖުކުރުމުގެ ބޮޑު ޕްރޮޖެކްޓްގެތެރެއިން އިންސިނެރޭޓަރުތައް މެދުވެރިކޮށެވެ. ކުނި މެނޭޖުކުރުމުގެ ބޮޑު މަޝްރޫޢަށް ތިލަފުށިން ބިންހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށްވަނީ ހަމަޖެހިފައެވެ. ކުނި ޕެކްކުރާ މެޝިންތައް ބޭނުންކުރަން ކުރިއަށް އޮތް މަހެއްހާ ދުވަހުގެތޭރޭގައި ފަށާނެކަމަށް ވެމްކޯއިން ބުނެއެވެ.

މާލެއިން ދުވާލަކު 300 ޓަނާއި ގާތްކުރާ ޢަދަދަކަށް ކުނި ބޭރުކުރާއިރު، ރަމަޟާންމަހު 500އަށްވުރެ ގިނަ ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާކަމަށް ވެމްކޯއިން ބުނެއެވެ. މި ކުނިތައް ތިލަފުއްޓަށް ގެންދަނީ އަލަށް ގެނައި 5 ލޭންޑިންކްރާފްޓްވެސް ބޭނުންކޮށްގެންނެވެ.