ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޮރޮކޯއަށް ވަޑައިގެންފި


މޮރޮކޯގައި ކުރިއަށްދާ "އައް ދުރޫސުލް ޙަސަނިއްޔާ" ދަރުހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހިމް އަޙްމަދު މޮރޮކޯއަށް ވަޑައިގެންފިއެވެ.

މޮރޮކޯގެ ރަސްގެފާނު މުޙައްމަދު 6 ވަނަ ބައިވެރިވެވަޑައިގަންނަވާ މިދަރުހަކީ ކޮންމެ ރަމަޟާން މަހަކު، ދުނިޔޭގެ ގިނަ ދީނީ ޢިލްމުވެރިންނަށް ދަޢުވަތުދީގެން ކުރިއަށްގެންދާ ދީނީ ޕްރޮގްރާމެކެވެ. "އައް ދުރޫސް ޙަސަނިއްޔާ" ދަރުސް ބޭއްވުމަށް ހަމޖެހިފައިވަނީ މޮރޮކޯގެ ކަސަބްލަންކާގައެވެ. ރަމަޟާން މަހުގެ 14 ވަނަ ދުވަހުފެށި މި ދަރުސް ރަމަޟާން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.

މި ދަރުސްތަކުގައި އިސްލާމް ދީނުގެ އަސްލުތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އިތުރުން ކީރިތި ޤުރްޢާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމު ގެ ސުންނަތުގެ އަލީގައި މި ޒަމާނުގައި ދިމާވެފައިވާ އެކިއެކި މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާމެދު ޢިލްމުވެރިން ވާހަކަ ދައްކަވާނެއެވެ. މީގެ އިތުރުން ދީނީ ގޮތުން ހައްދުފަހަނާއަޅާދިޔުން ހުއްޓުވުމަށާއި، ދުނިޔޭގައި ސުލްޙަ މަސަލަސްކަން ޤާއިމުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަށް އެއްބައިވަންތަކަންމަތީ ބިނާކުރުމާ ގުޅޭ ގޮތުންވެސް ޢިލްމުވެރިން ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އަހަރަކު އެއްފަހަރު މޮރޮކޯއިން އިންތިޒާމް ކުރާ މި ދަރުސް ޕްރޮގްރާމަކީ މޮރޮކޯގެ ކުރީގެ ރަސްގެފާނު އަލް މަރްޙޫމް ޙަސަން 2 ވަނަ ގެ އިސްނެންގެވުމަށް 1963 ވަނަ އަހަރު އިފްތިތާޙްކުރެއްވި ޕްރޮގްރާމެކެވެ. މި ދަރުހުގައި އިސްލާމީ އެކި ޤައުމުތަކުން ތަފާތު މަޒްހަބުތަކާއި އެކި ފިކުރުތަކުގެ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރޭގައި މޮރޮކޯގެ ޝާހީ ޢާއިލާގެ ބޭފުޅުންނާއި، ޢިލްމުވެރިންނާއި ދަޢުލަތުގެ އިސްވެރިން ގެ އިތުރުން ޚާރިޖީ މިޝަންތަކުގައި ޙަރަކާތްތެރިވާ ބޭފުޅުންވެސް ހިމެނެއެވެ.

ޑެޕިއުޓީ އިސްލާމިކް މިނިސްޓަރ މޮރޮކޯއަށް ކުރަށްވާ ދަތުރުފުޅުގައި މިނިސްޓްރީގެ ވާއިޘް އައްޝައިޚް އަޙްމަދު މަޢުމޫން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.