ޚަބަރު

ޣައްޒާގައި އަލުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އުފެދިފައި


ފަލަސްޠީނުގެ ޣައްޒާގެ ޖަމާޢަތްތަކާ އިސްރާއީލާ ދެމެދު ދާދި ފަހުން ބަދަލުކުރި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި އަލުން ހަނގުރާމައެއް ފެށުން ގާތްކަމަށް އދން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ. އ.ދ.ން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލާއި ލަޑެނޯފް މިހެން ވިދާޅުވީ، މެދުއިރުމަތީގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ލަޑެނޯފް ވިދާޅުވީ، އެންމެ ފަހުން ވެސް ދެފަރާތުން ބަދަލުކުރި ހަމަލާތަކުގެ ސަބަބުން ޣައްޒާ އޮތީ ހަނގުރާމައަކާ ކިހާ ކައިރީގައިކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ. މި ހަފުތާގެ ކުރީކޮޅު ދެފަރާތުން ބަދަލުކުރި ހަމަލާތައް މިހާރު ވަނީ ހުއްޓާލާފައެވެ.

އެހެންނަމަވެސް ޣައްޒާގައި އަދިވެސް ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް އިތުރުވެ ޣައްޒާގައި އިތުރު ނުތަނަވަސްކަން އުފެދުމަކީ އެކަށިގެންވާ ކަމެއް ކަމަށް އޭނާވިދާޅުވިއެވެ. ލަޑެނޯފް ވިދާޅުވީ، ޣައްޒާގައި އަނެއްކާ ހަނގުރާމައެއް ކުރުމަކީ އެ ރަށުގައި މިހާރު އުޅެމުންދާ އެއްވެސް ފަރާތަކަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާގައި ވަނީ ޣައްޒާގެ މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުން ކުރާ މައްސަލައާ ބެހޭ މަޝްވަރާތަކެއްކޮށްފައެވެ. ޣައްޒާގައި މާރިޗް މަހުގެ 30 ވަނަ ދުވަހުން މޭއި މަހުގެ 15 ވަނަ ދުވަހަށް ކުރި މުޒާހަރާތަކުގެ ބައިވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ ސަތޭކަ ތޭރަ މީހުން ޝަހީދުކޮށްލިއެވެ.