ޚަބަރު

ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ޖޫންމަހުގެ 15ގެ ކުރިން އިއުލާންކުރާނަން - އިލެކްޝަންސް


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު ޖޫންމަހުގެ 15ގެ ކުރިން އިއުލާން ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުންގެ ލިސްޓު މިމަހު ޢާންމު ނުކުރެވުނީ، އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށްގެންދިއުމަށް ސްކޫލްތަކުގެ ހޯލް ލިބުމުގައި ލަސްތަކެއް އުޅޭތީކަމަށެވެ. އަދި އެގޮތަށް ދިމާވީ ސްކޫލްތަކުގައި އިމްތިހާނުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށްދާތީކަން އޭނާ ފަހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުންގެ ލިސްޓުގައި އިންތިޚާބު ބާއްވާ ތާރީޚަށް އަށާރަ އަހަރުފުރޭ ހުރިހާ އެންމެން ހިމަނާނެކަން ފާހަގަކުރައްވާ، ޝަރީފު ވިދާޅުވީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު ފައިނަލް ނުވެގެންއުޅެނީ، އިންތިޚާބު ބާއްވާނެ ތާރީޚް ފައިނަލް ނުވާތީކަމަށެވެ. ނަމަވެސް ކުރިން އިޢުލާން ކޮށްފައިވާގޮތަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނެކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނުން ދެއްވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު ޖޫން މަހުގެ 15ގެ ކުރިން ޢާންމު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.