ޚަބަރު

ޅ. މަޑިވަރުގައި އެއަރޕޯޓެއް ތަރައްޤީކުރަން ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކޮށްފި


ޅ. އަތޮޅު މަޑިވަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއާއި ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރުއެވެ. އަދި ކުރެއްދޫ ހޯލްޑިންގްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު މޫސާއެވެ. މަޑިވަރުގައި އަޅާ އެއަރޕޯޓު އަޅަން ނިންމާފައިވަނީ ކުރެއްދޫ ހޯސްޑިންގްސް އިން ހުރިހާ ޚަރަދެއްކުރާ ގޮތަށެވެ. 1.2 ކިލޯމީޓަރު ދިގު ރަންވޭއަކާއެކު އަޅާ މިއެއަޕޯޓް ތަރައްޤީ ކުރަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ 70 މީހުންގެ ޖާގައިގެ ފްލައިޓްތައް ޖެއްސޭގޮތަށެވެ.

އެއަރޕޯޓުގެ މަސައްކަތް ހަވާލުކުރުމަށް، ހުރަވަޅި މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ޅ. އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީކުރަން ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް މިކަން ހަޤީޤަތަކަށް ވެގެންމިދަނީ މި ސަރުކާރުގައިކަމަށެވެ. އަދި އެއަރޕޯޓްގެ ސަބަބުން އަތޮޅުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ތަރައްޤީވެ ކުރިއަރައިގެންދާނެ ކަމަށާއި އެއަރޕޯޓުގެ ސަބަބުން ގިނަ ގޮތްގޮތުން މަންފާ ކުރާނެކަމަށެވެ. އެގޮތުން އިޤްތިސާދީ ގޮތުންނާއި، ދަތުރުފަތުރުގެ ފަސޭހަކަމުގެ އިތުރުން ގިނަ ވަޒީފާތައްވެސް އުފެދުމާއި، ވިޔަފާތުތަކަށްވެސް ފައިދާ ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުރެއްދޫ ހޯލްޑިންގްސްގެ ޗެއަރމަން މުޙައްމަދު މޫސާ ވިދާޅުވީ މިފަދަ ކަމެއް ކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ ޤައުމަށް ފައިދާހުރި ޚިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ. އަދި މީގެސަބަބުން މި އަތޮޅުގެ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިއެރުން އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އެއަރޕޯޓާއިބެހޭ ގޮތުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ މިއީ މި އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއްކަމަށެވެ. އަދި މިކަމުގައި ކުލަޖެހުން ވެގެންދާނީ މިސަރަޙައްދުގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ބޮޑުވެ، އިތުރު އިންވެސްޓަރުން އައުމަށް މަގުފަހިވާނެކަމެއްކަމަށެވެ.

ޅ. އަތޮޅު މަޑިވަރު، ކުރެއްދޫ ހޯލްޑިންގްސްއަށް ދޫކޮށްފައިވަނީ އެއަރޕޯޓްގެ އިތުރުން އެރަށުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރެވޭގޮތަށެވެ. އެއަރޕޯޓްގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމައި ޚިދުމަތް ފަށާނެކަމަށް ކުރެއްދޫ ހޯލްޑިންގްސްއިން ބުނެއެވެ.