ދުނިޔެ

ރައީސް، އަންނަ އޮގަސްޓް މަހު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ





 


ރައީސުލްޖުމްހޫރިޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އަންނަ އޮގަސްޓް މަހު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.


 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވީ ޗައިނާގެ ރައީސް ޝީ ޖިންފިންގްކަމަށާއި، މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެކަމަށެވެ. ނަމަވެސް ދަތުރުފުޅު ކުރެއްވުމަށް މަޖެހިފައިވާ ތާރީޚެއް މުއާޒް ވިދާޅެއްނުވެއެވެ.


 
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ޔޫތު އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.


 
 


ޗައިނާއަކީ އިގްތިސާދީ ގޮތުންނާއި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް ބޮޑެތި އެހީތަކެއް ދެމުން އަންނަ ގައުމެއް ކަމަށްވާތީ ރައީސް ޔާމިންގެ މިދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.