ބޭނުންވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް ގޯއްޗާއި ފެލްޓަށް ކުރިމަތިލެވޭނެ ފުރުޞަތު ފަހިކޮށްދިނުންކަމަށާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ފަހި ބަދަލުތައް ގެންނަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށް ފާޅުކުރި ޝުއޫރުތަކާއި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާޙަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ފަރާތުން ވަނީ ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން އަަހަރުތަކެއް ވަންދެން އާއިލާތަކުން ތަހަންމަލުކުރަމުންދާ ދަތި އުނދަގޫތައް ޙިއްސާކުރައްވާފައެވެ. އެގޮތުން ބޯހިޔާ ވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލާއިރު ބައެއް އާއިލާތަކުގެ ހާލަތު ހުންނަ ގޮތުން ޝަރުތުތައް ފުރިހަމަނުވެގެން ދިމާވާ ދަތިތައް ވަނީ ޙިއްސާކުރައްވާފައެވެ.
މިކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މާލެ ކައިރިން އެފަދަ މަޝްރޫއުތައް ހިންގަން ކަނޑައަޅާފައިވާ ބިންތައް ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ.
އަދި ފްލެޓާއި ގޯތި ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ރައްޔިތުންނަށް އޭގެ ސަބަބުން ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ގޯތި ދިނުމުގެ އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވެނީ މާލޭގައި ރަށްވެހި ވެފައިވާތާ 5 އަހަރުވެފައިވާ ފަރާތްތަކަށެވެ.
"މާލޭގެ ރަށްވެއްސަކަށް ވެފައިވާ މުއްދަތާ ގުޅޭގޮތުން އީޖާބީގޮތެއްގައި ޕޮޒިޓިވް ނޯޓެއްގައި އަޅުގަނޑުމެން ވިސްނާނަން. ވިސްނާފައި އެޔަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް. އެމުއްދަތު ކުރު ކުރެވޭނެ އެމެންމެ ބޮޑަކަށް، އެއީ ހަމަ އެއްކޮށް އުވާވެސް ލެވިދާނެ. އަޅުގަނޑު ބަލާނަން އެޔަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ" ރައީސް ވިދާޅުވިއެވެ.
އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވައި ރައީސްވަނީ، ވަޢުދުތައް ފުއްދަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް ދިނުމުގެ އުސޫލު ސަރުކާރުން އާއްމުކުރިއިރު، މީގެ ކުރީގެ ސްކީމްތަކުގައި އާއްމުންނަށް އޮޅުންއެރި ވަރަށް ގިނަ ކަންކަން ވަނީ ސާފުވާނެގޮތަށް ލިޔެފައިއެވެ. ނިމުނު ސަރުކާރުގައި ހުޅުވާލި، ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ފޯމު ހުށައެޅި މީހުންނަށް އެންމެ ބޮޑަށް އޮޅުންއަރާ ކަމެއްގެ ގޮތުގައި އޮތީ، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ގުނުމުގައެވެ.
އެގޮތުން މާލޭގައި މެދުނުކުނޑި 15 އަހަރު ދިރިއުޅެފައިވާ މީހަކަށް ވާންޖެހޭކަމަށް ބުނެފައިވާއިރު، ޒަރޫރީ ޙާލަތެއް ކުރިމަތިވެ، މާލެއިން ބޭރުގައި މަޑުކުރަންޖެހޭ ޙާލަތްތަކުގައި ޢަމަލުކުރާނެ ތަފްސީލީ އުސޫލެއް ކަނޑައެޅިފައެއް ނެތެވެ.