ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ޤާނޫނަށް އިސްލާޙު ގެންނަން ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިބައްދަލުވުމުގައި ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ހުރި ދަތިތަކާއި ގުޅޭ ކަންބޮޑުވުންތަކެއް އާންމު މީހަކު ވަނީ ހިއްސާކުރައްވާފައެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. މިކަމަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕެންޝަން ފަންޑާއި ގުޅިގެން އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން" ރައީސް ވިދާޅުވިއެވެ.
2008 ވަނަ އަހަރު އެކުލަވާލެވުނު ފެހި ޤާނޫނުއަސާސީއާއެކު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނެއް ވުޖޫދުވެ، މަލްޓިޕިލަރ ޕެންޝަން ނިޒާމެއް ތަޢާރަފުވިއެވެ. މިނިޒާމުގައި ހިމެނެނީ މައިގަނޑު ދެޕެންޝަން ސްކީމެކެވެ. އެއީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
މީގެ ތެރެއިން ރިޓަޔަރމެންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ އުމުރުން 65 އަހަރު ފުރުމުންނެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރެއެވެ. މިކަމަށް ހައްލު ގެނައުމަށް ސަރުކާރުން މިހާރުވެސް ދަނީ ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
މިވަގުތު ރާއްޖޭގެ ޕެންޝަން ނިޒާމު އޮތްގޮތުން ދައުލަތުގެ ބަޖެޓަށް ބުރަވާތީވެ، ޕެންޝަން ނިޒާމަށް އަހަރުން އަހަރަށް ޚަަރަދުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުންތަކުން އެކި ފަހަރު މަސައްކަތްކުރި ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ޕެންޝަން ނިޒާމުގައި ހުރި ނަހަމަ އެތައް ކަމެއް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.