ޚަބަރު

މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރަނީ


  • ވިލިމާލޭގެ އިތުރުން ހުޅުމާލޭގައިވެސް ޕާކިން ބިލްޑިން ތަރައްޤީ ކުރާނެ

  • ޓްރެފިކް ޖޫރިމަނާ ބަހާލައިގެންގެ ދެއްކުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައި

މާލެ ސަރަހައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގައި ހިމާނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ޕާކިން ބިލްޑިންތައް ތަރައްޤީކުރުމަށް މިހާރު ލިޔެކިޔުންތައް އިންޑިއާގެ ސަރުކާރަށް ފޮނުވާފައިވާކަމަށެވެ.

ޕާކިން ބިލްޑިންތަކުގެ ތެރެއިން 2 ބިލްޑިން މާލޭގައި ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައި ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވީ ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައިކަމަށެވެ. އަދި ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަ ވާނެ ސަރަޙައްދެއްގައިކަމަށެވެ.

"ވިލިމާލެ ބްރިޖުން ފައިބާ ތަނުގައި ޕާކިން ބިލްޑިންއެއް އަޅާނެ. އެއީ ބްރިޖުން ވިލިމާލެއަށް ފައިބާއިރު އެތަނުގައި ޕާކު ކުރަންޖެހޭތީވެ. ހުޅުމާލެ ރަނގަޅު ލޮކޭޝަނެއްގައި އަނެއް ބިލްޑިން ތަރައްޤީކުރާނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަގުމަތީގައި ޕާކް ކުރުމުގެއް މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ސީދާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ޓްރެފިކް ޕޮލިސް މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިކަމަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ޓްރެފިކް ޖޫރިމަނާ ބަހާލައިގެންގެ ދެއްކުމުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާއިރު، މިހާރުވެސް 1000 އެއްހާ މީހުން މި އުސޫލުގެ ދަށުން އެގްރީމަންޓް ހަދާފައިވެއެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ގެނައުމަށް ކުރައްވާ އިތުރު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މާލޭ މަގުތައް ރަނގަޅު ފެންވަރަށް ތަރައްޤީކުރުމަށް ފައިސާ ހަމަޖެހިފައިވަކަމަށެވެ. އެމަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ޑިޒައިންގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެމަސައްކަތް ފެށުމުގެ ކުރިން ކުރެވެން ހުރި މަސައްކަތްތައް މިހާރުވެސް ފަށާފައިވާކަމަށެވެ.

މިމަސައްކަތުގެ ދަށުން މާލޭ ބާޒާރު މަތި ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެސަރަޙަދުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ރޯދަ މަސް ނިމެންވާއިރަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު އެސަރަހާއްދަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.