ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ޚާއްޞަކޮށް މިއަދު ހެދުނު 9:30 އިން ފެށިގެން މެންދުރު ފަހު 15:30އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ކަނޑުގަދަވެ ވިއްސާރަކުރާނެ ކަމަށް ބެލެވޭތީ އެ ސަރަޙައްދަށްވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި މިސަރަޙައްދަށް އާންމު ގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނޭ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލާފާކުރެވޭ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
އަދި މީގެ އިތުރުން މިއަދު ހެނދުނު 10:00 އިން މާދަމާ ހެދުނު 10:00އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ އިދާރާއިން ވަނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ.