ޚަބަރު

އީރާނުގެ މިސައިލް ޕްރޮގްރާމާ މެދު އީ.ޔޫ.އާ މަޝްވަރާނުކުރާކަމަށް އެ ޤައުމުން ބުނެފި


އީރާނުގެ މިސައިލް ޕްރޮގްރާމާ ބެހޭގޮތުން އެޤައުމުން ވިލާތުގެ އިއްތިހާދާއެކު މަޝްވަރާ ކުރަމުންދާކަމަށް ބުނެ ފެންމަތިވެފައިވާ ރިޕޯޓްތައް އެޤައުމުން ދޮގުކޮށްފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފާ ހަވާލާދީ އެ ޤައުމުގެ ތަސްނިމް ނިއުސް އެޖެންސީ ބުނީ އީރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭ ގޮތުން އެޤައުމުން ވިލާތާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވާހަކަ ފަތުރަމުންދަނީ އިސްރާއީލުން ކަމަށެވެ. ޒަރީފް ވިދާޅުވީ މި ރިޕޯޓްތަކަކީ ދޮގު ޚަބަރުތައް ކަމަށާ އީރާނުން ވިލާތާއެކު މަޝްވަރާ ކުރަމުން ދަނީ އެޤައުމުގެ ނިއުކްލިއަރ މައްސަލައިގައި ދެހާސް ފަނަރަވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމާ ގުޅޭ ގޮތުން އެކަނި ކަމަށެވެ.

އަދި އީރާނުން މި އެއްބަސްވުމުގައި ނުހިމެނޭ އެއްވެސް ކަމަކާމެދު މަޝްވަރާކުރުމަށް ބޭނުން ނުވާކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމާ ގުޅޭގޮތުން ވިލާތުގެ ބާރުތަކާއި އީރާނުން މަޝްވަރާކުރަމުންދަނީ އެމެރިކާއިން މި އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް މި މަހުގެ ކުރީކޮޅު ބުނެފައިވާ ދަނޑިވަޅެއްގައެވެ.