ޚަބަރު

ދީނީ ސުވާލު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


މި ރަމަޞާންމަހު ކުރިއަށްގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ދީނީ ސުވާލު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މު އްދަތު އިތުރުކޮށްފައިވަނީ އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުއްދަތުއިތުރުކުރީ ގިނަ ބަޔަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ހުށައަޅަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެއްވަނަ އަށްދާ ޓީމަކަށް 15000 ރުފިޔާގެ ޢިނާމެއް ދޭގޮތަށް ކުރިއަށްގެނދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޞާންމަހުގެ ފަހު 15 ވަނަދުވަހުއެވެ.

ރަމަޟާންމަހުގެ ޚާއްސަ ޙަރަކާތެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ މުއައްސަސާތަކުގެ އިތުރުން ކޮލެޖު ޔުނިވަރސިޓީތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި މުބާރާތަކީ ދިވެހީންގެ ހިތްތަކުގައި ދީނީ އަދި ޤައުމީ ލޯބި އިތުރުކޮށް އިސްލާމީ ތާރީޚާއި ހަޟާރަތާއި ފިޤުހީ މަޢުލޫމާތު މުއްސަނދި ކުރުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ މަދުވެގެން ތިން މީހުން، ގިނަވެގެން ފަސް މީހުންގެ ޓީމަކާއެކުކަމަށާ، މުބާރާތުގައި ބައިވެރިވުމަށް ޖުމުލަ 8 ޓީމަކަށް ފުރުޞަތުދެވޭނެކަމަށެވެ. އަދި 8 ޓީމަށް ވުރެ އިތުރަށް މުބާރާތުގައި ބައިވެރިވުމަށް ހުށައަޅާފައިވާނަމަ ޓީމްތައް އިޚްތިޔާރުކުރުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ފޯމްތައް ހުށައެޅި ތަރުތީބުންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުން 1 ވަނައަށްދާ ޓީމަކަށް 15000 ރުފިޔާއާއި ހަނދާނީ ލިޔުމުގެ އިތުރުން ޓްރޮފީއެއް ލިބޭނެކަމަށެވެ. އަދި 2 ވަނަ އަށްދާ ޓީމަކަށް 10000 ރުފިޔާ، ތިންވަނައަށްދާ ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަސްވެސް އެމިނިސްޓްރީން ބުނެއެވެ. މީގެ އިތރުން މި މުބާރާތުގެ އެންމެ މޮޅު ދެ ބައިވެރިޔަކު ހޮވައި އިނާމްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.