ޚަބަރު

ހުޅުމާލޭ ދުވާ ޓްރެކްގެ މަސައްކަތް ނިންމާ އާއްމުކޮށް ހުޅުވާލައިފި


ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ދުވާ ޓްރެކްގެ މަސައްކަތް ނިންމާ، އާއްމުންނަށް އެތަން ބޭނުންކުރަން ހުޅުވާލައިފިއެވެ.

ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ހަދާފައިވާ މި ޓްރެކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މިފަދަ ފުރަތަމަ ޓްރެކެވެ. މި ޓްރެކް ހަދާފައިވަނީ ހުޅުމާލޭ ނެއިބަރހޫޑް އެކެއްގައި މިހާރު ތަރައްޤީކުރަމުންދާ އައުޓް-ޑޯ ސްޕޯޓްސް އެރީނާގައެވެ.

400 މީޓަރު ދިގު މި ޓްރެކް ފަރުމާކޮށްފައިވަނީ 8 ލޭނަށް ދުވެވޭގޮތަށެވެ. ސެންތަޓިކް މި ޓްރެކަކީ ހުރިހާ މޫސުމެއްގައިވެސް އެތްލީޓުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނޭހެން ފަރުމާކޮށްފައިވާ ދުވާ ޓްރެކެކެވެ. ހުޅުމާލޭގައި އަލަށް ހުޅުވި މި ޓްރެކުގެ ސަބަބުން ޒުވާން އެތްލީޓުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކަށް ފަރިތަކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ޓްރެކް މިހާރު އާއްމުންނަށް ހުޅުވާލާފައިވާއިރު، އައުޓް-ޑޯ ސްޕޯޓްސް އެރީނާއަށް ބޭނުންވާ އެހެނިހެން ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެއެވެ. އެގޮތުން އެތަނުގައި ފުޓުބޯޅަ ދަނޑަކާއި، ސްޓޭޑިއަމެއްގެ އިތުރުން، ކޮމަރޝަލް ޔުނިޓްތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ޒުވާނުންނަށް ޙާއްސަކޮށްގެން ގިނަ މަޝްރޫޢުތަކެއް ހުޅުމާލޭގައި ސަރުކާރުން ހިންގަމުންދާއިރު، މިހާރު ހުޅުމާލޭގައި ވަނީ ސްޕޯޓުސް ކޮމްޕްލެސްއެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ. މި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުވެގެން ދިޔުމުން، ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.