ޚަބަރު

ކުޅުދުއްފުށި އެއަރޕޯޓް ހަދާ ސަރަޙައްދުގައި ޖަހާފަހުރި ހިލަ ތޮއްޓަށް ގެއްލުންތަކެއް ލިބިއްޖެ


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށި އެއަރޕޯޓް ހަދާ ސަރަޙައްދުގައި ޖަހާފަހުރި ހިލަ ތޮއްޓަށް ގެއްލުންތަކެއް ލިބިއްޖެއެވެ. ކުޅުދުއްފުށި އެއަރޕޯޓް އެޅުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ އެމްޓިސީސީން ބުނީ އެއަރޕޯޓް އެޅުމަށް އެރަށު އުތުރު ފަރާތުން ހިއްކި ސަރަޙައްދު ހިމާޔަތްކުރުމަށް ޖަހާފައިވާ ރިވެޓްމްންޓަށް ގެއްލުން ލިބިފައިވާކަމަށެވެ. ރިވެޓްމެންޓް ޖެހި ސަރަޙައްދުން ގާތްގަނޑަކަށް 300 ފޫޓަށް ގެއްލުން ލިބިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި މިހާރުވެސް އެ މައްސަލަ ޙައްލުކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެހެންނަމަވެސް އެއްކޮށް މަސައްކަތް ފެށޭނީ މޫސުން ރަނގަޅުވުމާއެކުކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ރިވެޓްމަންޓް ޖަހާފައިވަނީ ކުޅުދުއްފުށީ އެއަޕޯޓް ހެދުމަށް އެރަށު ފަޅުން ހިއްކާފައިވާ 6 ހެކްޓަރު ބިމުގައެވެ. ކުޅުދުއްފުށި އެއަރޕޯޓް ހެދުމަށް އެރަށުންވަނީ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އޭގެތެރޭގައި ހިމެނެނީ ފަޅުން ހިއްކާފައިވާ 6 ހެކްޓަރާއި، ކުޅިން ހިއްކާ 9 ހެކްޓަރުގެ ބިމެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ އަންނަ ޖުލައިމަހުގައި އެއަރޕޯޓްގެ އަމަލީ މަސައްކަތް ނިންމުމަށެވެ.

ކުޅުދުއްފުށީގައި ހަދަން ނިންމާފައިވަނީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަންވޭއާއި، ޓެކްސީވޭއާއި، އެއަރކްރާފްޓްތައް ޕާކުކުރުމަށް ހަދާ އޭޕްރަން ހިމެނޭގޮތަށެވެ.
ހދ.ކުޅުދުއްފުށީގައި އަޅާ އެއަރޕޯޓަށް ސަރުކާރުގެ ބަޖެޓުން 185 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.