ޚަބަރު

ހޮޅުދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކު މަރުވެއްޖެ


ނ. ހޮޅުދޫގައި ސައިކަލް ދުއްވާލަން ނުކުމެ އުޅުނު ދެ ޒުވާނަކު ސައިކަލާއެކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށް ސައިކަލާއިއެކު ފަޅުތެރެއަށް ވެއްޓި ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ ހޮޅުދޫ ވިނަރެސް އުމުރުން 27 އަހަރުގެ އަޙްމަދު އަދީލްއާއި ގުލްދަސްތާނުގެ އުމުރުން 26 އަހަރުގެ ހުސްނާ މުހައްމަދުއެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނަސީރު ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު މި ދެ ޒުވާނުން ދުއްވާލަން ނުކުމެ އުޅުނު ވަގުތުކަމަށާއި ސައިކަލަށް ލިބިފައިވާ ގެއްލުންތަކަށް ބަލާލުމުން ބޮޑަށް ބެލެވެނީ ސައިކަލް ކޮންޓްރޯލު ނުވެގެން ބަނދަރުތެރެއަށް ވެއްޓުނު ވަގުތު ހުރަހަށް އޮތް ތޮށިގަނޑުގައި ޖެހިފައިވާކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މަޢުލުމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 1:30 ހާއިރު ކަމަށާއި، އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނާއި ސައިކަލު ނަގާފައިވަނީ އެރަށު ފަޅުތެރެއިން ކަމަށެވެ. އަދި އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމުގެ މަޢުލުމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.