ޚަބަރު

އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ގަދަ 10 ބައިވެރިން ކަށަވަރުވެއްޖެ


ޕީއެސްއެމްއިން މި އަހަރު އަލަށް ފެށި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ގަދަ 10 ބައިވެރިން ކަށަވަރުވެއްޖެއެވެ. 12 ބައިވެރިންނާއެކު މި މުބާރާތް ފަށާފައިވަނީ މިދިޔަ ބުދަދުވަހުގެ ރެއެވެ. މުބާރާތުގެ ގަދަ 10 ބައިވެރިން ޔަޤީންވެފައިވާއިރު މި މުބާރާތުން ވަކިވެގެންދިޔައީ ޙަސަން އިބްނު ޝަފީޢު އާއި ޢާދަމް ނާއިޝް ނަސީމްއެވެ. މި ދެބައިވެރިން މުބާރާތާ ވަކިވެފައިވަނީ މުބާރާތުގެ ފަނޑިޔާރުންގެ ވޯޓުންނެވެ.
ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރ އަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ މުބާރާތެކެވެ. މި މުބާރާތުގެ ދެވަނަ ޝޯގައި ގެނެސްދީފައިވަނީ މާލެ ހިމެނޭހެން ރާއްޖޭގެ ހަތަރު ސަރަޙައްދުގައި ކުރިއަށްގެންދިޔަ އޮޑިޝަންތަކުން ހޮވުނު 12 ބައިވެރިންގެތެރެއިން ގަދަ 10 އެއްގައި ވާދަކުރާ ބައިވެރިންގެ ކިޔެވުންތަކެވެ.

މުބާރާތުގައި ވާދަކުރާ ގަދަ 10 ބައިވެރިންނަކީ –

  • 1. ފާޠިމަތު ޝާހާ ޙުސައިން
  • 2. މަރިޔަމް މަހާ މުޙައްމަދު
  • 3. ޢަބްދުﷲ ޙަޔާން ޙަމީޒް
  • 4. މުޙައްމަދު ޝައިޙާން ޢަލީ
  • 5. މާޔާ މުޙައްމަދު
  • 6. ޢަލީ ސައުދާން ޝަހީމް
  • 7. ޢަލީ ސާމް ނާޡިމް
  • 8. ފާޠިމަތު ޝުބާ ނަޢީމް
  • 9. އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު
  • 10. މުޙައްމަދު ސާޢީ މުބާރިކް

މި މުބާރާތުގެ ފުރަތަމަ ޝޯގައި ބައިވެރިން ފުރަތަމަ ކިޔަވާފައިވަނީ މަޝްހޫރު ޤާރީން ކިޔަވާފައިވާ ރާގުތަކަށެވެ. ދެން ބައިވެރިން ކިޔެވީ ހިތުންނެވެ. ފުރަތަމަ ރޭވެސް ބައިވެރިންގެ ފަރާތުން ރީތި ކިޔެވުންތަކެއް ފެނިގެންދިޔައެވެ. ފުރަތަމަ ޝޯއާ އެއްގޮތަށް ދެވަނަ ޝޯގައިވެސް ބައިވެރިންގެ ފަރާތުން ރީތި ކިޔެވުންތަކެއް ފެނިގެންގޮސްފައިވެއެވެ. ދެވަނަ ޝޯގައި ފުރަތަމަ ބައިވެރިން ކިޔަވާފައިވަނީ ދިގު ރާގަށެވެ. ދެވަނަ ބުރުގައ ބައިވެރިންނާއި ވަނީ މަހުރަޖުގެ ބައެއް ސުވާލުތައްވެސް ކުރިމަތިކުރުވާފައެވެ.

އަންނަ ބުދަދުވަހުގެ ރޭ ދައްކާ މި މުބާރާތުގެ ތިންވަނަ ޝޯގައި ދެ ބައިވެރިއަކު އަނެއްކާވެސް މުބާރާތުން ވަކިވެ މުބާރާތުގެ ގަދަ 8 ޔަޤީންވާނެއެވެ.
އުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދެވަނައަށް 1 ލައްކަ ފަންސާސް ރުފިޔާ އަދި 3 ވަނަ އަށް 50،000ރ (ފަންސާސް ހާސް ރުފިޔާ)ގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިފަވެއެވެ.